ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ މާލެ ވަޑައިގެންފިއެވެ.
ދިހަ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މައުމޫނު ސިންގަޕޫރަށް ފުރައި ވަޑައިގެންނެވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.
އަދި މިދަތުރުފުޅުގައި 10 ވަރަކަށް ދުވަސް ވެދާނެ ކަން އެމަނިކުފާނު އޭސީސީއަށް ސިޓީއަކުން އެންގެވިއެވެ. އެގޮތަށް އެންގެވީ އެމަނިކުފާނުގެ ބަޔާނެއް ބޭނުންވާކަމަށް ބުނެ އޭސީސީން އެމަނިކުފާނަށް ފޮނުއްވި ސިޓީއަކާއި ގުޅިގެންނެވެ.
އެހެން ނަމަވެސް ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ކުއްލި ގޮތަކަށް ރާއްޖެވަޑައިގެންނެވުމަށް ނިންމެވި ސިދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ރައީސް މައުމޫން މާލެ ވަޑައި މިގެންނެވީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތައް ވަރަށް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ފާރިސްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިހާރުވަނީ ހޯމަ ދުވަހަށް އަވަސްކޮށްފައެވެ.
ރައީސް މައުމޫނު މިރޭ ރާއްޖެވަޑައިގަންނަވާފައިވަނީ 23:05 ގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ލީޑަރުން މިރޭވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒާއި، މަޖިލީސް މެންބަރުންކަމަށްވާ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންނާއި، ރައީސް މައުމޫނާއިއެކު ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ހިމެނެއެވެ.
ނަމަވެސް މާލެއިން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ރަސްމީ ފާލަންދޮށަށް ދިޔަ ރައްޔިތުންނާއި އިވެންޓް ކަވަރު ކުރުމަށް ދިޔަ ނޫސްވެރިންވަނީ ފުލުހުން އެމްއެމްއޭ ސަރަހައްދަށް ފަހަތައް ޖައްސާފައެވެ.
ރައީސް މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ