ގާސިމް ކުރައްވަނީ ބަގާވާތެއް ނޫން، ގައުމީ މަސައްކަތެއް: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އިސްކޮށް ހުންނަވައި އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ކުރަން ރާވަމުންދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނެފައިވާތީ ޖުމްހޫރީ ޕާޓީން އެކަން ދޮގުކޮށްފިއެވެ.
ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ކުރައްވަމުން ގެންދަވަނީ ގައުމީ މަސައްކަތެއް ކަމަށާއި އެއީ އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަންނަވާފައިވާ ގޮތުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ.
"މިއީ އިސްލާހީ މަސައްކަތެއް. ގާސިމް ކުރައްވަނީ ގައުމީ މަސައްކަތެއް. އެމަސައްކަތަކީ ހަތަރު ޕާޓީގެ އެންމެ އިސްވެރިން ބައިވެރިވާ މަސައްކަތެއް،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ބުނެ ގާސިމްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަމުން ދަނީ ސަރުކާރަށް ގޮތް ހުސްވުމުން ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ރޭ ގާސިމްގެ ބޮލުގައި ބަޣާވާތެއް ގެންނަން އުޅޭ ކަމުގެ ތުހުމަތު އަޅުވާފައިވާ އިރު ގާސިމްގެ މައްޗަށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ކޮށްފައިވާ ތިން ދައުވާ ވަނީ ބާތިލުކޮށްފައެވެ.
އިދިކޮޅު ހަރަކާތާ ގާސިމް ގުޅިވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ގާސިމްގެ ބޮލުގައި ބަޣާވާތުގެ ތުހުމަތު އަޅުވާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ