ވެރިކަން ބަދަލުކުރަން މައުމޫން ނެގި ފައިސާ ނުދިނުމަކީ ޓެރަރިޒަމްގެ އަމަލެއް – ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެނައުމުގެ ކެމްޕޭނަށް ޚަރަދު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން ނެގި ފައިސާ އަނބުރާ ނުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ ކުރީގައި ތިބި ރައީސުންނަށް އޭނާ އިތުބާރު ނުކުރާ ކަމަށާއި ނަމަވެސް މިހާރުގެ ރައީސް އަށް އިތުބާރު ކުރާކަމަށެވެ.
"މަސައްކަތް ކޮށްގެން ރައީސަކު ހޮވާ ރައީސްއަށް ބާރުތަކެއް މިދެނީ ކީއްވެތޯ؟ ރައީސުލްޖުމްހޫރިއްޔާ އަކު ވެސް މީހަކު އަތުން ލާރި ނަގައިގެން ހެއްކެއް ނެތޭ ކިޔައިގެން ހުންނަންޏާ އެމައްސަލަ ބެލޭނެ. އެއަށް ކިޔާނީ ޓެކްމާއި، ފޭރުމާއި ވައްކަން ކުރުން." ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު ވިދާޅުވީ މައުމޫން އޭނާގެ އަތުން ފައިސާ ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައުމޫން ފިއްލާފައިވާ ކަމަށެވެ.
"ރައީސް މައުމޫން ފިލައި ރައްކާވެއްޖެ މިހާރު. ފުލުސް އޮފީހަށް ހާޒިރުނުވާން. އެވެސް ޓެކްމާއި ފޭރުން. އެއީ ޓެރަރިޒަމްގެ ހަރަކާތެއް. ނުލާހިކު ބުރަ މަސައްކަތް ކޮށްގެން މީހަކު ލާރި ހޯދީމަ އެލާރި ފޭރިގަނެގެން ވެރިކަމަށް ގެނެވުނީމާ އެމީހާއަށް މަކަރާއި ހީލަތް ހަދައި ދޯކާދީ، މިއަށް ކިޔަނީ ޓެރަރިޒަމް. އެބައި މިޤާނޫނުގައި އިންނާނެތާ." ޖާބިރު ވިދާޅުވިއެވެ.
މިއަދު ޤާނޫނު ފާސްވީމާ "އެކަން އޮޕަރޭޝަނަށް އަންނާނެ." ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހަށް އޭނާ ތާއިދު ކުރައްވާ ކަމަށާއި އިންޑިއާ ކަނޑާއި ރާއްޖޭގެ ސަލާމަތައް ފިޔަވަޅުތައް އަޅަން ތާއިދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ