އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި މާފަރު ރައްޔިތުން ނުުކުންނަނީ

އިސްލާމް ދީނާއި ނަބިއްޔާ محمد صلى اللّه عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް ނުކުންނަށް ނ. މާފަރު ރައްޔިތުން ނިންމައިފިއެވެ.
އެ ރަށު ރައްޔިތުން ބާއްވާ ސުލްހަވެރި ހިނގާލުން މާދަމާ ހަވީރު ބާއްވަން ނިންމާފައިވާއިރު އެ ހިނގާލުމުގެ ޝިއާރަކީ "ނަބިއްޔާގެ ދިފާއުގައި ދިވެހިން" އެވެ.
މާފަރާއެކު، އެޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލުމަށް މިފަފަ ހިނގާލުންތައް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނައިފަރާއި ދުވާފަރު ހިމެނެއެވެ.
އެމްޑީއެން އިން ރާއްޖޭގައި ދިނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ މީހުންނާއި ހަރުކަށި ވިސްނުންތަކާ ބެހޭގޮތުން ކޮށްފައިވާ ދިރާސާއެއް ކަމަށްބުނެ ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ވަނީ ފާޑުކިޔާފައެވެ. އެ ދިރާސާ ހެދުމަށްފަހު ނެރެފައިވާ ރިޕޯޓުގައި އެ ޖަމިއްޔާއިން ވަނީ އިސްލާމް ދީނުގެ އަސާސްތަކާއި ރަސޫލާގެ ސުންނަތް އަދި ކީރިތި ގުރުއާނުގެ ނަސްހުން ސާބިތުވާ ބައެއް ކަންކަން ދޮގުކޮށްފައެެވެ. އެގެ ތެރޭގައި ރަސޫލާ އިސްރާ މިއުރާޖް ދަތުރުފުޅު ހިމެނެއެވެ.
އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަށް ތާއިދު ކުރާ އަދި މައްސަލައެއް ނެތްކަމަށް ގަބޫލުކުރާ ބަޔަކުވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެމީހުންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ބައެއް ކަމަށްބުނެ އެމްޑީއެން އާ އެއްކޮޅަށް ވާހަކަދައްކަަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ