ކުރީގެ މެންބަރު ނިހާން ކަމަށް އިންޑިއާ އެއާޕޯޓުން ގާޒީ ނިހާން ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކަމަށް ހީކޮށް އދ.މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ހުއްޓުވައި އިންޑިއާގެ އެއާޕޯޓަކުން ހުއްޓުވައި އޭނާ ސުވާލުކޮށްފި އެވެ.
ގާޒީ ނިހާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މެޖިސްޓްރޭޓެވެ. އެމައްސަލައިގައި އޭނާ އަށް 17 އަހަރުގެ ޖަލު ޙުކުމެއް އައި ނަމަވެސް ވެރިކަން ބަދަލުވުމުން ކޯޓުތަކުން ކުރީގެ ޙުކުމްތައް ބާތިލް ކުރުމުގެ ތެރޭގައި ނިހާންގެ ޙުކުމް ވެސް ބާތިލް ކުރިއެވެ.
ގާޒީ ނިހާން އިއްޔެ މެންދުރު ފަހު އިންޑިއާ އަށް ދިޔައީ އޭނާގެ ކޮއްކޮއަކާ އެކު ބޭސްފަރުވާއަށެވެ. ނިހާން އިންޑިއާ އަށް ދިއުމުން އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އެއާޕޯޓުގައި ވިއްސަކަށް މިނިޓު ވަންދެން އޭނާ ހިފަހައްޓައި ސުވާލު ކުރިކަމަށް ވެއެވެ.
ގާޒީ ނިހާންގެ އާއިލާގެ މެމްބަރަކު "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނީ ނިހާން އެއާޕޯޓުގައި ހިފަހައްޓައިގެން ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތާއި ބައްޕަ އަށް ކިޔާ ނަން ފަދަ މައުލޫމާތު ހޯދި ކަމަށެވެ.
"މެމްބަރު ކަން ކުރެއްވި ނިހާންގެ ފޮޓޯ ދައްކާފައި ބުނީ ތިއީ އެ ނިހާންހޭ. މަޖިލިހުގެ މެމްބަރަކަށް އެއްވެސް އިރެއްގައި އުޅުނުތޯ ވެސް އެހި. ނިހާނަށް ވެގެން އުޅޭ ގޮތް ސާފުވީ ކުރީގެ މެމްބަރު ނިހާންގެ ފޮޓޯތައް އޮފިޝަލުން ދެއްކީމަ." އޭނާ ބުންޏެވެ.
އެއާ އެކު މެޖިސްޓްރޭޓް ކާޑު ދެއްކުމުން، އެއީ ކުރީގެ މެމްބަރު ނިހާން ކަން އެ މީހުންނަށް އިތުރަށް ޔަގީންވުމާ ގުޅިގެން އިތުރު ސުވާލެއް ކުރުމަކާ ނުލައި ދޫކޮށްލީ ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ސައިނަސް އަށް ފަރުވާ ހޯއްދަވަން އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، ކުރީގެ މެމްބަރު ނިހާން އަނބުރާ ރާއްޖެ ފޮނުވާލި އެވެ.
ނިހާންގެ އިތުރުން އެހެން ބައެއް ދިވެހިންނަށް ވެސް އިންޑިއާ އަށް އެތެރެވުމުގައި ދަތިތައް ދިމާވެފައިވެއެވެ. ގިނަ ފަހަރަށް މިފަދަ ދަތިތައް ދިމާވެފައި ވަނީ އިންޑިއާ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ދިވެހިންނަށާއި ބައެއް ދީނީ އިލްމުވެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ