ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާދަމާ ހެނދުނު ހާޒިރުވާން އަންގައިފިއެވެ.
ގާޒީ ހައިލަމް މާދަމާ ހެނދުނު 8:00 އަށް ޖޭއެސްސީއަށް ހާޒިރުވާން އެ ކޮމިޝަނުން އަންގާފައިވާއިރު، ހައިލަމް ބައްލަވާ މައްސަލައެއް މާދަމާ މެންދުރު 13:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އެބަ އޮތެވެ.
އެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލައުންޑަރިންގ މައްސަލާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތެވެ.
ގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އެންގިއިރު، އެމަނިކުފާނާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުވި މައްސަލައެވެ.
ޖޭއެސްސީން ވިދާޅުވީ، އެމައްސަލަ ބަލަން ނިންމީ އެއީ ސާބިތުވެއްޖެނަމަ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑާއި ހިލާފު ކަމަކަށް ވާތީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގާޒީ ހައިލަމް ވަނީ މިރޭ ،މައާފަށް އެދިވަޑައިގެންފައެވެ.
ގާޒީ ހައިލަމް އާ ގުޅޭ އެހެން މައްސަލައެއް ވެސް ޖޭއެސްސީން ޖުލައި މަހުން ފެށިގެން ވެސް އަންނަނީ ބަލަމުންނެވެ.
މާދަމާ ހެނދުނު ގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ