ނާޒިމް ފަހަތުގައި ހުންނަވާނަމަ އަޅުގަނޑުގެ ތާއިދު ޔާމިނަކަށް ނުލިބޭނެ – އުމަރު

ޕީޕީއެމްއަށް ސޮއި ކުރެއްވެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޕީޕީއެމްގެ ޕުރައިމަރީ ކާމިޔާބު ކުރެއްވެވި ޔާމީން އަބުދުލް ގައްޔޫމްގެ ފަހަތުގައި ހުންނަވާ ނަމަ އުމަރު ނަސީރުގެ ތާއިދު ޔާމިނަށް ނުދެވޭނެ ކަމަށް އުމަރު ރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕުރައިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ނާޒިމަކީ ދިވެހި ރާއްޖޭގެ ކޮރަޕްޝަން ނެޓްވޯކު ތަކުގެ އެންމެ ފުންނާބު އުސް މީހާ ކަމަށާއި އެފަދަ ބޭފުޅުންތައް ޔާމިނުގެ ފަހަތުގައި އަތުރާލައިފިނަމަ ޔާމިނަށް އުމަރުގެ ތާއިދު ނުލިބޭނެ ކަމަށެވެ.
"ހަނދުމަފުޅު ބަހައްޓަވާ އަޅުގަނޑު ތިބޭފުޅުންނަށް ދެންނެވި ކޮރަޕްޝަން ނެޓްވޯކެއްގެ ވާހަކަ. އަޅުގަނޑުގެ އަޙު ޔާމިނަށް ކާމިޔާބުވިތާ 24 ގަޑިއިރު ނުވަނީސް ދިވެހި ރާއްޖެގެ ކޮރަޕްޝަން ނެޓްވޯކުތަކުގެ އެންމެ ފުންނާބު އުސް މީހާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައި. މިއީ އެއްވެސް ގޮތަކަށް އިއްތިފާގެއް ނޫން. އަޅުގަނޑުގެ އަޙު އަބުދުﷲ ޔާމިނަށް ދަންނަވާނީ ނާޒިމް ކަހަލަ ކޮރަޕްޓް މީހުން މަނިކުފާނުގެ ފަހަތުގައި އަތުރައިފިއްޔާ އުމަރު ނަސީރުގެ ތާއިދު ނުލިބޭނެ" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އޭނައަށް ތާއިދު ކުރައްވާ ޕީޕީއެމް ހުރިހައި މެންބަރުން އޭނާއާއި އެކު ތިބުމަށް ގޮވާލައްވާފައެވެ. އަދި ޔާމީން ކަނޑައަޅުއްވާ ޓީމް ރަނގަޅަށް ބެލުމަށްފަހު އުމަރު ވަކި އެއްޗެއް އަންގަވަންދެން އެއްވެސް މެންބަރަކު ޔާމިނުގެ ފަހަތުން ނުދިއުމަށް ވެސް އުމަރު ގޮވާލެއްވިއެވެ.
"އަޅުގަނޑަށް ތާއިދު ކުރައްވާ ޕީޕީއެމްގެ ހުރިހައި މެންބަރުންނަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑާއި އެކު ތހިބެޔފުލހުނ ތިއްބަވާށޭ. އަބުދުﷲ ޔާމީން ކަނޑައަޅުއްވާ ޓީމް އަޅުގަނޑު ބަލާނަމޭ. ބަލާފަ އެޓީމް އެއީ މިގައުމަށް ފައިދާ ހުރި ގޮތުގައި ދަތުރު ކުރާ ޓީމެއްކަމަށް ވަންޏާ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނަން ހިނގާށޭ އޭނަ އާއި އެކު. އެހެން ނޫނިއްޔާ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ މަޑުކުރާށޭ. މިގައުމަށް ގެއްލުންވާނެ ބަޔަކު ގޮވައިގެން އަޅުގަނޑުގެ އަހް ޔާމީން ކުރައްވާ ދަތުރުގައި އަޅުގަނޑުމެން ނުދާނެ. އެހެނެއް ނޫން މި ގައުމިއްޔަތު ދިފާއުކޮށް މިގައުމު ކޮރަޕްޝަން ނައްތާލާ މި ގައުމު ސަލާމަތް ކުރަން ކުރާ ދަތުރެއްގަ އުމަރު ނަސީރު ހުންނާނީ ޔާމިނާއި އެއްކޮށް" އުމަރު ވިދާޅުވިއެވެ.
އޭނަ އިތުރަށް ވިދާޅުވީ ޔާމީން އަތުގައި ޕާޓީގެ ޓިކެޓް އޮތަސް މައްސަލައެއް ނެތް ކަމަށާއި ގައުމުގެ ގައުމިއްޔަތު ހިފައިގެން ނޫން ގޮތަކަށް ޔާމީން ވަޑައިގަންނަވާނަމަ ޔާމިނާއި ދެކޮޅަށް ތެދުވަން ޖެހިއްޖެ ހާލަތެއްގައި ދެކޮޅަށް ވެސް ތެދުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ތިބޭނީ ޕީޕީއެމްގައި، ޕީޕީއެމް މައްސަލަ ތަކެއް ހުރި ކަމުގައި ވިޔަސް އެމައްސަލަތައް ހައްލު ކުރާނީ ވެސް އަޅުގަޑުމެން" އުމަރު ވިދާޅުވިއެވެ.
އުމަރު ރޭވަނީ ޕާޓީގެ ޕުރައިމަރީ ދިޔައީ އިންސާފުން ނޫން ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ޕާޓީގެ ގުނަވަން ތަކުގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވާފައެވެ.
އުމަރު ވިދާޅުވީ ބ.ތުޅާދޫގައި ވޯޓް ފޮއްޓެއް ނުބަހައްޓާކަމަށާއި ނަމަވެސް ނަތީޖާ ލިބުނު އިރު އެރަށުން ވެސް ނަތީޖާ އައި ކަމަށާއި އަދި ނ. އަތޮޅު ފޮނަދޫގައި ހުރި ފޮށިން އޭނައަށް ލިބުނު ވޯޓްތައް ނަގާ އެވޯޓް ތަކުގައި ދެފާހަގަ ޖަހާ އެރަށުން އޭނައަށް ލިބުނު ހުރިހައި ވޯޓެއް ބާތިލް ކުރި ކަމަށެވެ. އަދި އޭނައަށް ތާއީދު ކުރާ ބައެއް މީހުނަށް ވޯޓް ނުލެވުނު ކަމަށް ވެސް އުމަރު ތުމަތު ކުރެއްވެވިއެވެ.
"އިންތިހާބު ތެރޭގައި މި ހުރިހައި މައްސަލަތަކެއް ޖެހުނީމަވެސް އަޅުގަނޑު މައްސަލަ ނުޖެއްސީ ކުރިންވެސް ދެންނެވި ފަދައިން ޕާޓީ ބޮޑު އަޅުގަނޑަށް ވުރެ. އެހެން ނަމަވެސް އަޅުގަނޑުގެ ހިތަށް އެރީ ޕާޓީގެ މެންބަރުންނަށް މިކަން ދަންނަވާލާނަމޭ، އޭރަށްތާ ދެން އަންނަ އިންތިހާބެއްގަ ވެސް މިކަން ތަކުރާރު ނުވާނީ އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މިގައުމުގައި އާއި އަދި ޕީޕީއެމް ތެރޭގައި އެބަތިބި ކަމަށާއި އޭނާ މިމަސައްކަތް ފެށި މީގެ ފަސް އަހަރު ކުރިން ކަމަށާއި އޭރު އިންތިހާބު އޭނާއަށް އެންމެ 2.5 ޕަސަންޓު ލިބިވަޑައިގެންނެވި ކަމުގައިވިޔަސް މިފަހަރު އިންތިހާބުން އޭނާއަށް 40 ޕަސަންޓު ލިބިވަޑައިގެންނެވި ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުން ހީކުރައްވާ މިހުރިހާ ކަމެއްގެ ތެރެއިން ނާކާމިޔާބުވެގެން އުމަރު ނަސީރު ބޯކޮޅު ވަތަށް ޖަހައިގެން އެހެން ޕާޓީއަކަށޭ ދާނީ، ނޫން އުމަރު ނަސީރު ނުދަންނަނީ އެހެންވިއްޔާތި، އުމަރު ނަސީރު މިއީ ތިބޭފުޅުންނާއިއެކު ހައްގުގެ މަގުގައި ފަށާފައި އޮތް މަސައްކަތެއް، މި މަސައްކަތުގައި ދާނީ ކުރިއަށް، ދުލެއް ނުކުރާނަން." އުމަރު ވިދާޅުވި އެވެ.
ޕާޓީ ތެރޭގައި ހުރިހާ ގުނަވަންތަކެއް ވަނީ ޔާމީންގެ ބާރުގެ ދަށުގައި ކަމަށާއި އަދި އެގުނަވަންތަކުގެ މެޖޯރިޓީ އޮތީ ޔާމީނަށް ކަމަށް ވިދާޅުވެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަބްދުﷲ ޔާމީނަކީ ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގެންގުޅޭ މީހެއް ކަމަށް ފާޅުގައި ވިދާޅުވުމަށްފަހު އުމަރު ވިދާޅުވީ އެވާހަކަތައް ދައްކަވަނީ ޕާޓީއަށް ލޮޅުމެއް އެރިޔަ ދިނުމަށްޓަކައި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ