ގާސިމް ލަންކާގެ ރައީސް ސިރިސެނާ އާއި ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ސްރީލަންކާގެ ރައީސް މައިތިރްޕާލާ ސިރިސެނާ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ކޮލަމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލަންކާގެ ރައީސް ސިރިސޭނާ އާއި ބައްދަލުކުރެއްވުމުގެ ކުރިން ގާސިމް ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކަރަމަސިންހަ އާއި ބައްދަލުކުރައްވާފައެވެ. އަދި ލަންކާގައި ހުންނަވާ ޔޫރަޕްގެ ގައުމުތަކާއި އެހެން ވަރަށް ގިނަ ގައުމުތަކުގެ ސަފީރުންނާއި ވެސް ގާސިމް ބައްދަލުކުރެއްވިއެވެ.
ގާސިމްގެ އިތުރުން އެމްޑީޕީ އާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު، މީގެތެރެއިން ބައެއް ބޭފުޅުން އިއްޔެ ވަނީ މާލެ ވަޑައިގެންފައެވެ.
ލަންކާގެ ރައީސް އާއި ބައްދަލުކުރައްވާ ގާސިމް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ގާސިމް ވަނީ ލަންކާގެ ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާގައި ގާސިމް އިބްރާހިމް ބައިވެރިވަޑައިގަތުމަށް ކުރިން މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް މަޑުކުރެއްވީ ލަންކާގެ ރައީސްއާ ބައްދަލު ކުރެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ