ދެން އެމްޑީޕީ ބަލި ކުރަން ޖެހޭނީ މަގުމަތިންނެއް ނޫން: އުމަރު
އެމްޑީޕީން މިހާރުގެ އިދިކޮޅު ފަރާތްތައް ތިން ފަހަރު ވޯޓުން ބަލިކޮށްފި ކަމަށާއި އެހެން ކަމުން ދެން އެމްޑީޕީ ވެސް ބަލިކުރަން ޖެހޭނީ ވޯޓުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދައުރު ހަމަ ނުވަނީސް އެމްޑީޕީގެ ވެރިކަން ފުރޮޅުނުތާ މިއަދަށް އަށް އަހަރު ވެފައިވާއިރު އުމަރު ވިދާޅުވީ، މިހާރު އިދިކޮޅު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި އެގޮތަށް އޮވެގެން އެމްޑީޕީ ބަލި ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީ ބަލިކުރެވޭނީ މިހާރަށް ވުރެ އިދިކޮޅު ވަރުގަދަ ވެގެން ކަން އުމަރު ފާހަގަ ކުރެއްވި އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބުގެ އިތުރުން އިތުރުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، މިހާރުގެ އިދިކޮޅު އޮތް ހާލަތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބަލިކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. "އެމްޑީޕީ ދެން ބަލިކުރަން ޖެހޭނީ ވޯޓަކުން. ސަބަބަކީ އަޅުގަނޑުމެން މާ ގިނަ ފަހަރަށް ވޯޓަކުން ބަލިވެއްޖެ މިހާރު. ޖައްސަ ޖައްސައިގެން ތިން ފަހަރަށް ބަލިވެއްޖެ އަޅުގަނޑުމެން މިހާރު. ބަލިވީމަ ދެން ނުވާނެ މަގުމަތިން ބަލިކުރަން ދިމާކުރާކަށް. ދެން ޖެހޭނީ ހަމަ ވޯޓަކުން ބަލިކުރަން،" އުމަރު ވިދާޅުވި އެވެ. އެމްޑީޕީ، މަގުމަތިން ބަލިކުރަން ނިކުމެއްޖެ ނަމަ ދެން ރައްޔިތުން ދެކޭނީ އެހެން ގޮތަކަށް ކަން އުމަރު ފާހަގަ ކުރެއްވި އެވެ. އެ ގޮތަކީ އެމްޑީޕީ ވޯޓުން ބަލި ކުރެވޭނެ ފޯމިއުލާއެއް އިދިކޮޅުގައި ނެތުން ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް އެނގޭނެ ވޯޓުން ބަލިކުރަން. އަޅުގަނޑުމެންގެ މި އުޅެނީ ލީޑާޝިޕްގެ ތާއްޓެއް އަރައިގެން އެއް ދިމާލަކަށް ނުދެވިގެން ތާ. އަޅުގަނޑުމެނަށް ބަލި ނުކުރެވޭނީއެއް ނޫން. އާ ލީޑާޝިޕެއްގެ ދަށުގަ ރުކުރުވާލަނިކޮށް އަޅުގަނޑު ބުނާނީ ހަމަ ދެ އަހަރު ވާނީ އިނގޭތޯ،" އުމަރު ވިދާޅުވި އެވެ. އެމްޑީޕީ ބަލިކުރަން ބޭނުން ނަމަ އިދިކޮޅު ޖެހޭނީ އާ ލީޑާޝިޕެއްގެ ދަށުން ރުކުރުވާލަން ކަން އުމަރު ފާހަގަ ކުރެއްވި އެވެ. އެހެން ނޫން ނަމަ އިދިކޮޅުން ކުރިމަތިލާން ޖެހޭނީ ބައްޔަކަށް ފަހު ބައްޔަކާ ކަމަށް އުމަރު ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަން ފޮރުޅިގެން ދިޔަ ގޮތާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، އެ ކަންތައް ދެން ތަހުގީގު ކުރިޔަސް އެމްޑީޕީގެ ވެރިކަން ބަދަލުވީ ގާނޫނީ އިމުން ބޭރުން ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. "އެ މީހުންގެ އަތުގައި ނޫންތޯ ހުރިހާ ވެސް ބާރެއް އޮތީ. ބަލަން ވީ ނޫންތޯ. ލަސް ކުރާނެ ކަމެއް ނެތް. ހިތްވަރު ހުރިއްޔާ ބަލަންވީ ހަމަ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ