ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި އެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް އެހެން ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުން އިންތިހާބުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ބާތިލްކުރަން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން މަސައްކަތްކުރަމުންދާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ޝިޔާމްއާ ހަވާލާދީ ރާއްޖެއެމްވީން ބުނެފައިވަނީ، އިންތިހާބުގެ ނަތީޖާ ބާތިލްކުރަން އުޅޭކަމުގެ އަޑުތަކަކީ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134616 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ލިބިލެއްވީ، 96132 ވޯޓެވެ.
އެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްއިން ވެސް ވަނީ ރަސްމީކޮށް ގަބޫލުކޮށް، އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާފައިވީ ނަމަވެސް ވޯޓާ ގުޅޭގޮތުން ހުރި މައްސަލަތައް ޕީޕީއެމްގެ އޮފީހަށް ވަރަށް އަވަހަށް ފޮނުވައިދޭން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ކުއްލި ގޮތަކަށް އެޕާޓީގެ މެންބަރުންނަށް އެދިވަޑައިގެންފައިވާތީވެ، އިންތިހާބުގެ ނަތީޖާ ބާތިލުކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.
ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުން ގާނޫނީ މުއްދަތަށްވުރެ ފަސް ނުކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވަނީ މީޑިއާތަކަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ވޯޓު ފޮއްޓެއް އިލެކްޝަން ކޮމިޝަނަށް ލިބި، ނަތީޖާ ޝީޓްތައް ބަލައި މިހާރު ދާއިމީ ނަތީޖާއަށް ތައްޔާރުވަމުންދާ ކަމަށާއި މާދަމާ ބާއްވާ އެ ކޮމިޝަންގެ ބައްދަލުވުމުގައި ނަތީޖާ އިއުލާން ކުރާނެ ދުވަހެއް ވެސް ނިންމަވާނެ ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.
ރައްޔިތުން ވަނީ ގޮތް ނިންމާފައި، އެ ނިންމުން ސިފައިން ދަމަހައްޓާނަން: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ