ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމް.ޓީ.ޑީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ އެ ޕާޓީގެ ނައިބު ރައީސް ޔާމީން ރަޝީދު ކެމްޕެއިނަށް މީދޫއަށް ވަޑައިގެންފިއެވެ.
މިހާރު ވެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޔާމީން ރަޝީދު މީދޫއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޔާމީން ރަޝީދަށް މަރުޙަބާ ދެންނެވުމަށްޓަކައި އެ މަނިކުފާނަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ ޒުވާނުން ބަނދަރަށް ނިކުމެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ކެމްޕެއިން ދަތުރެއްގައި ޔާމީން ރަޝީދު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީދޫއަށް ވަޑައިގެން 'އެމް.ޓީ'އަށް މަޢުލޫމާތުދެއްވަމުން ޔާމީން ރަޝީދު ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވުމަކީ ކާމިޔާބު ކުރުމަށް ލިބިގެންދާ ބޮޑު ހިތްވަރެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު މަސައްކަތެއް ކުރެއްވިއްޖެނަމަ އިންޠިހާބު ކާމިޔާބުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.
ކެމްޕެއިން ދަތުރުފުޅުގައި މެމްބަރު ޔާމީން ރަޝީދު މިރޭ އަދި މާދަމާ ހެނދުނު މީދޫގައި ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމަށްފަހު މާދަމާ މެންދުރު މަޑުއްވަރީއަށް ވަޑައިގަންވާގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މެމްބަރު ޔާމީން ރަޝީދު މީދޫއަށް، ފަހަތްޕުޅުގައި ޒުވާނުންގެ ވަރުގަދަ ޓީމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ