އައި ފޯނު ވިއްކާމަށްބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދާ ދެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ފޭސްބުކް ޕޭޖަކުން އައި ފޯނު އެކްސް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނަގަމުންދާ ދެމައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭސްބުކް ޕޭޖެއް ކަމަށްވާ، ''މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑް''އިން އައި ފޯނު އެކްސް ވިއްކާ ކަމަށް ބުނެ ހުށަހަޅާފައިވާ ދެމައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ފައިސާ ޖަމާކޮށްފައިވަނީ ރާއްޖޭގެ އަންހެނެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ.
އަދި އެމައްސަލައިގެ ތަހުގީގަށް އެއަންހެންމީހާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމުން ''މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑް'' ޕޭޖުން އޭނާއަށް ވެސް އޮޅުވައިލާފައިވާ ކަމަށާއި އައި ފޯނު ގެނެސްދޭނެ ކަމަށްބުނެ، ފައިސާ ނެގުމަށްފަހު ފޯނު ގެނެސްދީފައި ނުވާކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އަދި ފަހުން އަންހެންމީހާއަކީ ރާއްޖޭގެ އެޖެންޓް ކަމަށް ނިންމައި، އެހެން ދިވެހީން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފައިސާ ޖަމާކުރި ސްލިޕު ވައިބާ މެދުވެރިކޮށް އޭނާއަށް ބޭރު ނަމްބަރަކުން ފޮނުވުމަށްފަހު ވެސްޓަން ޔޫނިއަން މެދުވެރިކޮށް ''މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑް''އިން ބުނެފައިވާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް އެފައިސާތައް ފޮނުވަމުންދާ ކަމަށް ތަހުގީގަށް އޭނާ މައުލޫމާތު ދީފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ