އަދުލު އިންސާފު ދިރިދެމި އޮތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފިސާރި ސާބިތުކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމި އޮތްކަން ކަމަށާއި އަދި އަނިޔާވެރިކަން އެއީ ހައްގު ނޫންކަން ކަމަށެވެ.
މީގެއިތުރުން މަކަރާއި ހީލަތަކީ އިންސާފު ނޫން ކަމާއި، ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބޭ ބަޔަކަށްކަން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
މީގެއިތުރުން ވޯޓުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަދުލު އިންސާފު ދިރިދެމި އޮތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދީފި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ