އަބްދުﷲ ސައީދާއި ސިނާން އަދި އިލްހާމަށް ކުރި ޓެރަރިޒަމްގެ ދައުވާ ނަގައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު، މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނީ ގޮތުން އުފެއްދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެއެވެ.
ޕީޖީ އޮފީހުން މިދިޔަ ހަފްތާގައި އެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ، އެބޭފުޅުންނަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަ ފުލުހަށް އަނބުރާ ފޮނުވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ކުރި އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި އަބްދުﷲ ސައީދަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް އެހެން ދެ މައްސަލައެއްގައި އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެގޮތުން އޭގެ ތެރެއިން އެ މައްސަލައެއްގެ އިސްތިއުނާގުގެ ހުރިހާ މަރުހަލާެއެއް މިދިޔަ އަހަރު ނިމުމާއެކު އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް އަބްދުﷲ ސައީދަށް ވަނީ ގެއްލިފައެވެ.
އަބްދުﷲ ސައީދާއި މެންބަރު ސިނާން އާއި އިލްހާމްއަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔައިރު، ކުރީގެ ރައީށް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް އުފުލި ޓެރަރިޒަމްގެ ދައުވާ ވެސް ޕީޖީ އޮފީހުން ވަނީ ނަގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ