އެޗްއާރުސީއެމްއާ މެދު ހިތްހަމަނުޖެހުން ރައީސް މައުމޫން ފާޅުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޗްއާރުސީއެމްއާ މެދު އަމިއްލައަށް ކުރެވުނު ތަޖުރިބާއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ. ފާއިތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭ އެމަނިކުފާނު ނުހައްގުން ޖަލަށްލައި، އެތަކެއް ހައްގެއް ނިގުޅައިގެންފައިވާއިރު، އެޗްއާރުސީއެމްއިން އެމަނިކުފާނުގެ އަރިހަށް އެކި ފަހަރުމަތިން ޒިޔާރަތް ކުރި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އެޗްއާރުސީއެމްއިން ޒިޔާރަަތްކުރުމުން އުޅުއްވަންޖެހުނު ހާލު ކިޔައިދީފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެކަމާ މެދު އެއްވެސް ކަމެއް އެޗްއާރުސީއެމް ކުރައްވާފައިވޭތޯ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަމާ މެދު ފިޔަވަޅެއް އެޅުއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަކީ ހަމަ އެކަނި ހައްގުތަކުގެ ވާހަކަ ދެއްކުން އެކަނި ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ. އެކަމަށް ހޭލުންތެރިކޮށް، އެ ހައްގުތަށް ކަށަވަރުކުރުމަށާއި، ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ