އަބްދުﷲ ކަމާލުއްދީން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ

ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިއުލާނުކޮށްދެއްވި ކަމީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ. އޭނާގެ މަސައްކަތް ބިނާކުރާނީ ރައްޔިތުންނާއި ސަރުކާރާއި ޕާޓީގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކަން ފާހަގަކުރެއްވި އެވެ.
މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށްފަހު މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ގުޅިވަޑައިގެންނެވީ މިދިޔަ ޖޫން މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އޭނާއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެވެ.
ކަމާލުއްދީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރުމަށް މައުމޫންގެ ފަރާތްޕުޅުން ރަށްރަށަށް ވެސް ވަޑައިގެންފައި ވެ އެވެ.
މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 81 ދާއިރާ އަށް ވާދަކުރަން 108 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައި ވެ އެވެ. ޓިކެޓް ދޭނެ މީހުން ހޮވުމަށް ކޮމެޓީއަކުން ވަނީ އިންޓަވިއު ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ