އެއްވެސް ޤައުމެއްގެ ރައްޔިތުން ވަގެއް އެޤައުމެއްގެ ވެރިކަމުގައި ނުބަހައްޓާނެ - އިބޫ

އެއްވެސް ގައުމެއްގެ ރައްޔިތުން ވަގެއް އެގައުމެއްގެ ވެރިކަމުގައި ނުބަހައްޓާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
މިރޭ އިދިިކޮޅު ފަރާތްތަކުން ރަސްދޫގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަންޒަރު ވަރަށް ސާފު ކަމަށާއި މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް މިހާރު ލިބިއްޖެ ކަމަށެވެ.
" ޕާޓީތަކުގެ ލީޑަރުން ވަނީ މިއަނިޔާވެރި ސަރުކާރުގެ ކަސްތޮޅު އެޅިފަ. އެތައް ބަޔަކު ވަނީ ކުޑަގޮޅީގައި. އެކަމަކު މިރޭ މިފެންނަ މަންޒަރުން އުންމީދެއް ނުގެއްލޭ, މިރޭ އިތުރު ހިތްވަރު ލިބިއްޖެ " އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް މިޤައުމު ހިންގާނެ މީހަކު ހޮވަން ޖެހޭއިރު ޤާނޫނު އަސާސީގައި ބުނާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
" އިންތިހާބުގެ މިނިވަންކަމަށްހުރި އެންމެބޮޑު ގޮންޖެހުމަކީ ޔާމީން. އެކަމަށް ޔާމީން ވެރިކަމުން ދުރުކުރަން ޖެހޭ, ރައްޔިތުން ކަމަކަށް އެދުނީމާ އެކަން ކުރެވޭނެ " އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ 14 އަށްވުރެ ގިނަ މެންބަރުންނަށް މިވަނީ ޣައިރު ޤާނޫނީ ދައުވާ ކޮށްފައި ކަމަށެވެ. އަދި 60 ހާސް ރައްޔިތުންގެ ހައްގުތަކަށްވަނީ ހުރަސް އަޅާފައި ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލާނެ ކަމަށް ޔާމިން ވަނީ ވިދާޅުވެފައި ކަމަށާއި މި ކަމާއި ފުންކޮށް ވިސްނާލަން ޖެހޭކަމަށާއި އެއީ ކޮންބޭފުޅެއްކަން އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ.
" ހަމަގައިމުވެސް އެއީ މިވަގުތު ރައީސް, އެކަމަކު 2013 ގައިވެސް މިހާރުވެސް ވޯޓަކުން ނުހޮވޭނެ, އޭރު ލިބުނީ 25 ޕަސެންޓް, މިދާއިރާއަކުން 5 ޕަސެންޓްވެސް ނުލިބޭނެ " އިބޫ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާ ޚަރަދު ކުރަނީ އަމިއްލަ ފައިދާއަށް ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވަމުން އިބޫ ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު މިވަނީ ދުވަހަކު ނުގެއްލޭވަރަށް މިހާރު ގެއްލިފައިވާކަމަށެވެ. އަދި ކިތައް ޒުވާނުންތޯ މިސަރުކާރުގައި މަރާލީ ކަމަށް ސުވާލު ކުރައްވަމުން އިބޫވަނީ އެމީހުންގެ ޝަރީއަތްތަކަށްވީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ