މާޅޮސް މަޑުލު އުތުރުބުރީ މީދޫގެ ފެނާއި ނަރުދަމާ ނިޒާމް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފި

އަތޮޅު މީދޫގެ ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.ރ އަތޮޅު މީދޫގެ ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވާއިރު، މީދޫ ފެނުގެ ނިޒާމްގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ އެމްޑަބްލިއުއެސްސީންނެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފެށި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ތިރީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މަސައްކަތް ނިމިފައިވަނީ މި އަހަރުގެ ސެޕްޓްމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ސާޅީސް ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވާއިރު، މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު އަށްޑިހަ ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާކަމަށް އެންވާރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް ފައްސަތޭކަ ޓަނުގެ ތާނގީއެއް ވަނީ ބެހެއްޓިފައެވެ. އަދި އެގާރަ ޕޮއިންޓް ތޭރަ ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ވަނީ ޤާއިމްކުރެވިފައެވެ. މީދޫ ފެނުގެ މަޝްރޫއު ނިމުނު އިރު ހަތަރުސަތޭކަ ސާޅިސް ހަތް ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބެހެއްޓިފައިވެއެވެ. އަދި ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، ވާރޭފެން ރައްކާކުރުމަށްވެސް ވަކި ތާންގީއެއް ވަނީ ބެހެއްޓިފައެވެ.މީދޫ ނަރުދަމާ ނިޒާމުގެ މަޝްރޫއަކީވެސް ސަރުކާގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްދިޔަ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއަށް ސާޅީސް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ދެހާސް ފަނަރަ ވަނަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އަދި މި މަޝްރުއުގެ މަސައްކަތް މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ދެ ފަމްޕް ސްޓޭޝަން ބަހައްޓައި އަށެއް ޕޮއިންޓް ނުވަ ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ޤާއިމްކުރެވިފައެވެ. އަދިނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން ސަތޭކަ ފަންސަވީސް މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި ވަނީ އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ