އަބްދުﷲ ރިޔާޒުއާއި ފުލުހުން އަދި ސުވާލެއް ނުކުރޭ

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ހައްޔަރު ކުރި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު އާއި ފުލުހުން މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފިއެވެ.
އަބްދުﷲ ރިޔާޒު ވަކީލު ވިދާޅުވީ އެމަނިކުފާން ހުންނެވީ ވަރަށް ގަދަކޮށް ކަމަށާއި އަދި މިހާތަނަށް ތަހްގީގަށް ފުލުހުން އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށެވެ. ނަމަވެސް ފުލުހުން ހައްޔަރު ކުރާ މީހުންނާއި ދޭތެރޭ އަމަލު ކުރާ ގޮތާއި މެދު ހިތް ހަމަ ނުޖެހިގެން، އެކަން އިއްތިހާދެއްގެ ސަރުކާރެއްގައި އިސްލާހު ކުރައްވާނެކަމަށް ރިޔާޒު ވިދާޅުވިކަމަށް ވަކީލް ވިދާޅުވިއެވެ.
ހުކުރު ދުވަހު ހަވީރު ރިޔާޒު ހައްޔަރު ކުރީ މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެކު ސޯސަން މަގުންނެވެ. އަދި އެދުވަހު މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ޖަންކްޝަން ސަރަހައްދުން ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދުވެސް ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައެވެ. ނަމަވެސް ލަޠީފް އާއި އަބްދުﷲ ޝާހިދު ފުލުހުން ދޫކޮށްލިއެވެ.
ފުލުހުން ބުނީ އަބްދުﷲ ރިޔާޒު ހައްޔަރު ކުރީ ކުއްލި ހާލަތުގެ ދަށުން ކަމަށާއި އަނެއް ދެ މެމްބަރުން ހައްޔަރު ކުރީ އާދައިގެ މަތިން ކަމަށެވެ. އެކަމާއި ފުލުހުންނަށް އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ