އެމެރިކާގެ އަސްކަރީ ބާރުގެ ބަލިކަށިކަން އީރާން ހަނގުރާމައިން ހާމަވެގެން ހިނގައްޖެ: ރިޕޯޓް

ވޮޝިންޓަން (2 މެއި 2026): އީރާން އާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިން އެމެރިކާގެ އަސްކަރީ ބާރާއި އަސްކަރީ ގާބިލްކަން ކުޑަކަމާއި އޭގެ ލިމިޓްކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ. އަސްކަރީ ދިރާސާތައް ކުރާ ދުނިޔޭގެ މަރުކަޒުތަކުގެ ރިޕޯޓްތަކުގެ މައްޗަށް ރިއާޔަތްކޮށް ވޯލްސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އެމެރިކާއަކީ އެމެރިކާ ޕްރޮޕަގެންޑާ ކޮށްފައިވާ މިންވަރުގެ އަސްކަރީ ބާރެއް ނޫނެވެ. އެއަށް ވުރެ މާބޮޑު ލިމިޓްވެފައިވާ އަސްކަރީ ބާރެކެވެ. އެމެރިކާއަކީ ލިމިޓެއްނެތް އަދި ދިގުމުއްދަތަކަށް ބޮޑު ހަނގުރާމައެއް ކުރެވޭ ފެންވަރުގެ ގައުމެއް ނޫންކަން އީރާން ހަނގުރާމައިން ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައި ކަމަށް މި ރިޕޯޓް ބުނެއެވެ. މި ރިޕޯޓް ގައިވާގޮތުން އީރާން އާ ދެކޮޅަށް އެމެރިކާ ކުރި 39 ދުވަހުގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ އެތަށް ބާވަތެއްގެ ހަތިޔާރުގެ ސްޓޮކްވަނީ ހުސްވާން ގާތްވެފައެވެ. މީގެތެރޭގައި ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ އެންޓި ޑިފެންސް ބެޓްރީތަކާއި ކުރޫޒް ޓޮމަހޮކް މިސައިލް ގެ ސްޓޮކް ވަރަށް ބޮޑަށް އަޑިއަޅާލުން ހިމެނެއެވެ. އެންމެ 39 ދުވަހުގެ ހަނގުރާމައެއް އީރާންފަދަ އެމެރިކާއާ އަޅާބަލާއިރު ކުޑަ އަދި ހިސާރުގެ ދަށުގައިވާ ގައުމަކާ ހަނގުރާމަކޮށްގެން އެމެރިކާ މިހާލަތަށް ވެއްޓިފައިވާއިރު ޗައިނާ އާއި ރަޝިއާ ފަދަ ބިޔަ ބޮޑެތި ބާރުތަކާ ދެކޮޅަށް އެމެރިކާއަށް ހަނގުރާމަ ކުރެވޭނީ ކިހާމުއްދަތަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ. މި ރިޕޯޓް ބުނާގޮތުން އެމެރިކާގެ އަސްކަރީ ހަގީގީ ހާލަތު މިހާ ބަލިކަށި ފެންވަރެއްގައި އޮތުމުން ޗައިނާއާއި ރަޝިއާ އަށްވެސްވަނީ ޝޮކެއް ލިބިފައެވެ. އީރާން އާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަ ކުއްލި ގޮތަކަށް މެދުކަނޑާލައި ހަމަލާތައް ހުއްޓާލިކަން އިއުލަން ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މަޖުބޫރުވެ ވަޑައިގަތީވެސް އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން ބޭނުންކުރާ އެންޓި ޑިފެންސް މިސައިލް ސިސްޓަމްތަކުގެ ބެޓްރީތަކުގެ ސްޓޮކް ވަރަށް ބޮޑަށް އަޑިއަޅާލައިގެންނެވެ. މިކަން އެމެރިކާ ސިއްރުކޮށްގެން އުޅުނު ނަމަވެސް ސްޓޮކް އަޑިއަޅާލާފައިވަނީ ސިއްރު ނުކުރެވޭހާ ބޮޑަށްކަމަށާ ދެކުނު ކޮރެއާ އާއި ޖަޕާންގައި ބަހައްޓާފައިވާ އެމެރިކާގެ އެންޓި ޑިފެންސް މިސައިލް ސިސްޓަމްތަކާއި އޭގެ ބެޓްރީތައް ގަލްފަށް ގެނައިކަންވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ. މިކަމުގެ ސަބަބުން ބޮޑު ހަނގުރާމައެއްގެ ހާލަތުގައި އެމެރިކާއަށް ޖަޕާން އާއި ދެކުނު ކޮރެއާ އަދި ޔޫރަޕްގެ ގައުމުތައް ދިފާއުކޮށްދެވިދާނެތޯ މިސުވާލުވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. މި ރިޕޯޓް ބުނާގޮތުން ޚުދު އީރާންގެ ކުރިމަތީގައިވެސް އެމެރިކާގެ ބަލިކަށިކަން އެންމެ ބޮޑަށް ހާމަވެގެން ގޮސްފައިވަނީ ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުންފަދަ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައްވެސް އީރާނުގެ ހަމަލާތަކުގައި މުޅިން ހަލާކުވެ ފުނޑުފުނޑުވެގެން ގޮސްފައިވާތީއެވެ. އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުގެ ހަމަލާތަކުން ދިފާއު ނުކުރެވުނުއިރު އެމެރިކާ އެހެން ގައުމުތައް ދިފާއުކޮށްދޭނީ ކިހިނެތްތޯ ވަނީ ސުވާލު އުފެދިފައި ކަމަށް މި ރިޕޯޓް ބުނެއެވެ. މި ރިޕޯޓް ގައިވާގޮތުން އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެމެރިކާއަށް ލިބިފައިވަނީވެސް ވަރަށް ވަގުތީ އަދި ޓެކްޓިކަލް ކާމިޔާބީތަކެކެވެ. ދިގުމުއްދަތަކަށް ދިގު ދެމިގެންދާ އަސްކަރީ ސްޓްރެޓީޖިކް ކާމިޔާބެއް ނޫނެވެ. އީރާނުގައިވެސް ބޮންއަޅައިގެން އެމެރިކާއަށް ހަލާކު ކުރެވިފައިވަނީ ގިނައިން އީރާނުގެ މަދަނީ ތަންތަނެވެ. އަދި ގިނައިން މަރާލާފައިވަނީވެސް އީރާނުގެ މަދަނީންނެވެ. ނުވަތަ އާންމުންނެވެ. އީރާނުގެ ސްޓްރެޓީޖިކް އަސްކަރީ މަރުކަޒުތައް ހުރީ ފަރުބަދަތަކުގެ އަޑީގައިކަމުން މިފަދަ އެއްވެސް ތަނެއް ހަލާކު ކުރުމުގައި އެމެރިކާވަނީ މުޅިން ނާކާމިޔާބު ވެފައެވެ. އެމެރިކާ އީރާން އާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިނަމަވެސް އެމެރިކާ އިތުރަށްވާނީ ބޭޒާރުކަމަށާ ސްޓްރެޓީޖިކް ކާމިޔާބެއް އީރާނުގެ މައްޗަށް ހޯދުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ނެތްކަމަށާ މިހަގީގަތް އީރާނަށް ވަރަށް ރަނގަނޅަށް އެނގޭކަމަށް މިރިޕޯޓް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ