ރާއްޖޭގައި ތިބޭ މީހުންގެ ބޭންކު ކާޑު ބޭރުގައި ބޭނުން ނުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަންއާ އެކު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމްކޮށް، އެ މީހެއްގެ ނަންމަތީ އޮންނަ ކާޑު ބޭރުގެ ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން އެކަނި ކަމަށް ބީއެމްއެލް އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ނިންމުން ނިންމީ ރާއްޖޭން ބޭރަށް ދާ މީހުންގެ އަތަށް ކާޑު ދީ، ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށެވެ.
ތަފްސީލް - ޑޮލަރުގެ ނެޓް އިންފްލޯ، އައުޓްފްލޯއާ އަޅާބަލާއިރު މިއަހަރުގެ ފާއިތުވި 4 މަސް ތެރޭ 100 މިލިއަން ޑޮލަރު އިތުރު މަދު ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބޭންކުން ޑޮލަރު ގަންނަން ލިބޭ ވަރަށް ވުރެ ޑޮލަރު ވިއްކޭ އަދަދު ކާޑުތަކަށް ވެސް އިތުރު ކަމަށާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް، އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ކޮންމެވެސް ކަހަލަ ނިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަންއާ އެއްކޮށް ގާއިމް ކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންއަކާ އެކު ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑިން ލިމިޓް ހަމައެކަނި ރާއްޖެއިން ބޭރުގައި އެކްޓިވްވާ ގޮތަށް ހަމަޖެއްސުން،" އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ ރާއްޖޭގައި އެބޭފުޅަކު ހުންނަވާއިރަކު ރާއްޖެއިން ބޭރުގައި ހުރި އޭޓީއެމްއަކުން، ޕީއޯއެސްއަކުން ބޭނުމެއް ނުކުރެވޭނެއޭ. އެހެން ބަޔަކު ކާޑު ގެންގޮސްގެން ބޭނުމެއް ނުކުރެވޭނެ. ރާއްޖޭގައި ތިއްބަވާ ކަސްޓަމަރުންގެ ކާޑު ވެރިފަރާތާ ނުލާ ކާޑު ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ."
އެކި މީހުންގެ ކާޑު ރާއްޖެއިން ބޭރަށް ބޭނުންކުރާކަން ބޭންކަށް ފާހަގަވެފައިވާކަން ޝަރީފް މީގެ ކުރިން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން އަމިއްލަ ކާޑު ނުގެންގުޅޭ ކުދިންނަށް ބީއެމްއެލްގެ ސްޓޫޑެންޓު ކާޑު، ހާއްސަ ލިމިޓަކާ އެކު ދޫކުރަން ވެސް ވަނީ ނިންމައިފަ އެވެ.
"ހާއްސަކޮށް 18 އަހަރު ނުފުރޭ ކުދިންގެ އަމިއްލަ ކާޑެއް ނޯންނާނެ. އެ ކުދިން ރާއްޖޭން ބޭރުގައި ތިބޭއިރު އަމިއްލަ ބޭނުންތަކަށް ބެލެނިވެރިޔާގެ ކާޑު ދީފައި އެބައޮވޭ. އަޅުގަނޑުމެން ކުރިއަށް މި އަޅާ ފިޔަވަޅުން އެ ކުދިންނަށް އެއްވެސް ދައްޗެއް ވިޔަނުދިނުމަށް އަޅުގަނޑުމެން މި ކުރާ ކަަމަކީ ވަކި ސްޓޫޑެންޓު ކާޑެއް [ދެނީ]،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1،200 ޑޮލަރާ ހަމައަށް ކާޑު ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ޝަރީފް ވިދާޅުވީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ވިޔަފާރި ބޭނުމަށް ރާއްޖޭން ބޭރުގެ ވެބްސައިޓުތަކުން މުއާމަލާތް ކުރާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ބައެއް ވެބްސައިޓުތަކަށް ދުވާލަކު ހޭދަކުރެވޭނެ ބަޖެޓެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ޓީމޫ އަދި ޝީއިން ފަދަަ ވެބްސައިޓުތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކަން ނިންމާފައިވާ ކަމަށާއި އެހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރު ވެސް
ބޭނުން ކުރެވޭ ވަރުގައި ހުންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ