ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވައުދުތަކަކާއެކު، 2018 ކާމިޔާބުކުރުމަކީ ދަތިކަމެއްނޫން: ނާއިފު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ވައުދުތަކާ އެކުގައި ކަމަށާއި، އެހެންކަމުން ދެހާސް އަށާރައިގެ ކުރިން އެމަނިކުފާނު އެވައުދުތައް ރައްޔިތުންނަށް ފުއްދަވާ ދެއްވާނެކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފު ޝައުކަތު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނު ގައުމަށް ގެނެސްދެއްވާ ތަރައްގީއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފު ޝައުކަތު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މިހާތަނަށް ސާޅީސް ފަހަކަށް ވުރެ ގިނަ ޔޫތު ސެންޓަރ އަޅާއި، 70 ވަރަކަށް ފުޓްސަލް ދަނޑު ޒުވާނުންނަށްޓަކައި އަޅައިދީފައިވާ ކަމަށެވެ. އަދި ޒުވާނުންނަށް ގިނަ ފުރުސަތުތައް ހުޅުވާލާފައިވާ އިރު، އުމުރުން ދުވަސްވީ މީހުންނަށް ދެމުންދިޔަ އިނާޔަތް ވެސް ފަސް ހާސް ރުފިޔާއަށް ބޮޑުކޮށްދެއްވި ކަމަށް ނާއިފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް. އެގޮތުން ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފުކޮށް ރައްޔިތުން ރަށު ބަންދުގައި ބައިތިއްބި ކަމަށް ނާއިފު ވިދާޅުވިއެވެ.ނާއިފު ވިދާޅުވީ މިސަރުކާރުން ގައުމަށް ގެނެސްފައިވާ ތަރައްގީއަކީ އަޖައިބުވާ ފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ނޭޅޭނެ ކަމަށް ބުނި ބުރިޖާއި، އައިޖީއެމްއެޗްގެ ފަންސަވީސް ބުރީގެ އިމާރާތް ވެސް މިހާރު ނިމެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގެންނަމުންދާ ތަރައްގީއާ ކުރިއެރުން ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން ރައީސް ޔާމީނަށް 2018 ކާމިޔާބު ކުރެއްވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ނާއިފު ވިދާޅުވެފައިވެއެވެެ.މީގެއިތުރުން ނާއިފު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ނޮވެންބަރ 3 ގައި ގެނައި އުދުވާނީ ހަމަލާގެ ފަހަތުގައި ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ ކަމަށްވާއިރު، މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި ހުރީ ވެސް ނަޝީދު ކަމަށެވެ. އެހެންކަމުން ނަޝީދަކީ މައުމޫނަށް ހެޔޮ އެދޭނެ މީހެއް ނޫން ކަން ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކު ވެސް ގަބޫލު ކުރާނެ ކަމަށް ނާއިފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ