މިއަދަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގެ ދެ ދަރިކަނބަލުންކަމަށްވާ ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންގެ އުފަންދުވަހެވެ. އެ ދެ ބޭފުޅުންނަށް 48 އަހަރު ފުރުނީއެވެ.
ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންގެ އުފަންދުވަހާއި ގުޅުވައިގެން ގިނަ ބަޔަކު ދަނީ ދެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. ހެޔޮއެދުންތަކާއެކު ތަހުނިޔާގެ ތަފާތު މެސެޖްތައް ފޮނުވަމުންނެވެ.
ނަމަވެސް މިއީ އެބޭފުޅުންނަށް އުފާވެރި ދުވަހެއް ނޫނެވެ. ޚާއްސަކޮށް ޔުންމާ މައުމޫނަށެވެ. ލޯބިވާ ބައްޕަ ޖަލުގައި އޮންނަވާތާ 40 ދުވަސް ފާއިތުވެގެންދިޔައީއެވެ. ފިރިކަލުންނާއި ވަކިން އުޅެންޖެހިފައިވާތާ 40 ދުވަސްވީއެވެ. ބައްޕާޕުޅާއިއެކު ފިރިކަލުންވެސްވީ ޖަލުގައެވެ. އެންމެ ލޯބިވާ ކޮއްކޮ ފާރިސް މައުމޫންވެސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ދެތިން ދުވަހަކު މެނުއީ ފާރިސް ގޭގައި ނުހުންނަވައެވެ. ކޯޓުން ދޫކޮށްލުމާއިއެކު ކޮންމެވެސް ތުހުމަތުތަކެއްގައި ހައްޔަރުކޮށް ޖަލުގައި ބަންދުކުރައްވައެވެ.
އުފަންދުވަހާއި ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ތަހުނިޔާގެ މެސެޖްތަކަށް ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް އެކަމަނާ ވަނީ މިދަނޑިވަޅުގެ ހިތްދަތިކަން ބަޔާންކޮށްދީފައެވެ.
ޔުމްނާ ވަނީ މި ފަހަރުގެ އުފަންދުވަސް އުފާވެރިވަނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަމަނާގެ އާއިލާގެ މަތިން ބޮޑަށް ހަނދާންވާކަމަށް ވަނީ ވިދާޅުވެފައެވެ.
ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫނާއި، ފާރިސް މައުމޫން އަދި މުހައްމަދު ނަދީމުގެ ފޮޓޯއަކާއިއެކު ޔުމްނާ ކުރައްވާފައިވާ ޓްވީޓްގައި ވަނީ އުފަންދުވަސް އުފާވެރި ނޫންނަމަވެސް ތަހުނިޔާ ފޮނުއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
ފަހުގެ ތާރީޚެއްގައި ސިޔާސީ މައިދާނުން ފެނުނު އެންމެ ޒުވާން އަދި އެންމެ ހިތްވަރު ގަދަ ދެ ބޭފުޅުންނަކީ ޔުމްނާ މައުމޫނާއި ފާރިސް މައުމޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފާރިސް މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނު އަރިހަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ޔުމްނާ މައުމޫނެވެ. އަދި ފާރިސްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން ކޯޓް ކައިރިއަށް ވަޑައިގެން ފާރިސްއަށް އެންމެ ބޮޑަށް ހިތްވަރު ދެއްވާފައިވަނީވެސް ޔުމްނާ މައުމޫނެވެ.
އިދިކޮޅު ތިން ލީޑަރުންނާއިއެކު ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތުގައި ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އިސް ދައުރެއް އަދާކުރައްވާއިރު، ދުންޔާ މައުމޫންވެސް ވަނީ ބައްޕަގެ ދިފާއުގައި މަސައްކަތް ކުރައްވަންފައްޓަވާފައެވެ.
ރައީސް މައުމޫން ޖަލުގައި ހުންނެވިއިރު، ދާދި ފަހުން އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ކުރަންޖެހޭ ރައީސް މައުމޫން އަބްދުލްގައްޔޫމާ ގުޅުންހުރި މަސައްކަތްތައް ކުރައްވާނެ ހާއްސަ މަންދޫބެއްގެ ގޮތުގައިވެސް ޔުމްނާ މައުމޫން ހަމަޖައްސަވާފައެވެ.
ޔުމްނާ މައުމޫންގެ ކޮއްކޮ ފާރިސް މައުމޫން ޔުމްނާ ސިފަ ކުރައްވާފައިވަނީ "ސުޕަހީރޯ"އެއްގެ ގޮތުގައެވެ. ފާރިސް މައުމޫން އެންމެ ފަހުން ހައްޔަރުކުރެވުނު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުމްނާ މައުމޫނަކީ ސުޕަހީރޯއެއްކަމަށެވެ. އަދި ޔުމްނާ މައުމޫނަކީ އިންސާފުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ފާރިސްގެ ޓްވީޓް ނިންމާލަމުން އޭނާ ވިދާޅުވެފައިވަނީ ޔުމްނާގެ އާދަޔާ ޚިލާފު ބާރަކީ ލޯބިކަމަށެވެ.
މި އުފަންދުވަސް އުފާވެރިކަމަށް ބުނާނީ ކިހިނެތް: ޔުމްނާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ