އާސަންދައިގެ ހިދުމަތަށް ރައްޔިތުންގެ އަތުން ފައިސާ ނެގުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފި

ސަރުކާރާ ހަވާލުވެ ތިބި ފަރާތްތަކުން ރައްޔިތުންގެ އަތުން އާސަންދައިގެ ޚިދުމަތަށް ފީއެއް ނެގުމަށް ކުރަމުންދާ މަސައްކަތް އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައިވަނީ އާސަންދައިގެ ނިޒާމް ޕްރައިވެޓް ކްލިނިކްތަކަށް ފުޅާކުރިޔަސް ކަނޑައަޅާފައި އޮތް ބަޖެޓުން އެބައި ހަމަޖެއްސޭނޭ ކަމަށާއި، އާސަންދަ ފުޅާކުރިޔަސް މައްސަލަދިމާނުވާނޭ ކަމަށް ޓެކްނިކަލް ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު، މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައިވާ ކަމަށެވެ.
އަދި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ނިޔަލަށް މީރާ އަށް 3.5 ބިލިއަން ރުފިޔާލިބި ލާފަކުރި ވަރަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފައިވާ ކަމަށާއި އާސަންދައިގެ ޚިދުމަތް ރައްޔިތުންގެ އަތުން ފީއެއް ނަގައިގެން ނޫނީ ކުރިޔަށް ގެންދެވެން ނެތް ކަމަށް ސަރުކާރުން ބުނަމުންދިއުމަކީ ސަރުކާރުގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"އާސަންދަ ކުންފުންޏާއި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ސެޕްޓެމްބަރ 2012 ގެ ނިޔަލަށް އެ ކުންފުންޏަށް ސަރުކާރުން ދޭން އެއްބަސްވެފައިވާ 909 މިލިޔަން ރުފިޔާގެ ތެރެއިން، އެމްޑީޕީގެ ސަރުކާރުން އާސަންދައިގެ ޚިދުމަތަށް ދައްކަންޖެހޭ 312،614،842.00 (ތިންސަތޭކަ ބާރަ މިލިޔަން ހަސަތޭކަ ސާދަ ހާސް އަށްސަތޭކަ ސާޅިސް ދެ ރުފިޔާ) ގަވައިދުން ދައްކާފައިވާއިރު، ފެބްރުއަރީ މަހު ބަޣާވާތަކުން ސަރުކާރު ބަދަލުކުރި ފަހުން، އާސަންދަ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް 23 ޖުލައި 2012 ވަނަ ދުވަހު އާސަންދަ ކުންފުނިން އާންމުކޮށްފައިވާ މައުލުމާތުން އެނގެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން އާސަންދަ ހުއްޓާލަން ނިންމާފައިވަނީ ދިވެހިރައްޔިތުން އިތުރަށް ނިކަމެތިކޮށް، 2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އޮތް ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އަލުން އަނބުރައި އިޔާދަކުރުމަށްކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކުރާ ކަމަށެވެ.އެގޮތުން ޕީޕީއެމް އާއި މަދަނީ އިއްތިހާދުން ރާވައިގެން އާސަންދަ ފެއިލްކޮށްލުމަށް ހީލަތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
"އާސަންދަ އަކީ އެމްޑީޕީގެ ސަރުކާރުން ވެފައިވާ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވައުދުފުއްދުމުގެ ގޮތުން ޖެނުއަރީ 2012 އިން ފެށިގެން ދިވެހިރައްޔިތުންގެ އަތުން އެއްވެސް އަގެއް ނެގުމެއްނެތި، ތައާރަފްކޮށްފައިވާ ހިލޭ ބޭސްފަރުވާކުރުމުގެ ނިޒާމެކެވެ. އެހެން ނަމަވެސް މި ނިޒާމަކީ އެމްޑީޕީގެ ސަރުކާރަކުން ފަށާފައިވާ ނިޒާމަކަށް ވާތީ ބަޣާވާތުގެ ސަރުކާރުން މި ނިޒާމް ހުއްޓާލުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެމްޑީޕީން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ