ބަންދުން ދޫކޮށްލި ފަހުން، ބަންދުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ހަތަރު މީހަކު ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ އަމުރެއް އެ ހަތަރު މީހުން ދޫކޮށްލިފަހުން ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ހައި ކޯޓުން ބާތިލްކޮށްފައި ވަނީ މާޗް 1 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގައި ހައްޔަރުކުރި ހަތަރު މީހަކު ފުލުހުންގެ ބަންދުގައި ފަސް ދުވަހަށް ބޭތިއްބުމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ އަމުރެކެވެ. އެއީ ލ. ކުނަހަންދޫ ފިނިފެންމާގޭ އިބްރާހިމް ޒާހިރާއި ރ. އުނގޫފާރު، ދޯދި ތޯހާ ހަމީދާއި ބ. އޭދަފުށީ ހީނާމާގެ އަބްދުﷲ އުސައިދު އަބްދުލް ހަމީދުގެ އިތުރުން ހދ. ވައިކަރަދޫ ކުރި، މުހައްމަދު އިފާޒެވެ.
ހަތަރު މީހުންގެ މައްސަލަ ވަކިވަކިން ނިންމި ނަމަވެސް ހަތަރު މީހުންގެ މައްސަލައިގައި ހައި ކޯޓުންކޮށްފައިވާ ހުކުމުގައި ފާހަގަ ކޮށްފައިވަނީ އެއް ނުކުތާތަކެކެވެ.
އެ ހުކުމުގައި ވަނީ މި މައްސަލައާ ގުޅިގެން އެހާތަނަށް ލިބިފައިވަނީ ފުލުހުންގެ ބަހާއި މީޑިއާތަކުގެ ވީޑިއޯ ފުޓޭޖްކަން ބަންދުގައި ބޭތިއްބުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް މައްސަލަ ހުށަހަޅާ ފޯމުން އެނގެން އޮތް ކަމަށެވެ. އަދި އެ ވީޑިއޯ ފުޓޭޖް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންދިޔަ ނަމަވެސް އެ ފުޓޭޖް ފަނޑިޔާރު ބައްލަވާފައި ނުވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.
ހުކުމުގައި އިތުރަށް ވަނީ ''ކުށެއްގެ ތުހުމަތުގައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު'' ގައި ބުނެފައިވާ ފަދައިން ތަހުގީގުކުރާ ފަރާތުން މައްސަލަ ހުށަހެޅުމުގެ ކުރިން ފަނޑިޔާރު ކުރިމަތީގައި ކުރަންޖެހޭ ހުވާ ވެސް ފުލުހުންކޮށްފައި ނުވާ ކަމަށެވެ. އަދި ހަމަ އެހެންމެ އެ ގަވާއިދުގެ ހަތް ވަނަ މާއްދާގައިވާ ސަބަބަކުން ސަބަބެއް ނެތި ބަންދުކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން އެ ހަތަރު މީހުން ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޮށްފައިވާ އަމުރު ބާތިލްކުރާ ކަމަށް ވެސް ވަކިވަކިން އިއްވި ހުކުމުގައި ވެއެވެ.
މި ހަތަރު މީހުންގެ އިތުރުން 20 މީހެއްގެ ބަންދުގެ މުއްދަތު މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ 20 މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން އެންމެން ދޫކޮށްލުމުން މައްސަލަތައް ވަނީ އެ ދުވަހު ކެންސަލްވެފަ އެވެ. މި ހަތަރު މީހުން ވެސް ވަނީ ހަމަ އެ ދުވަހު ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ