ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު އަނެއްކާ ވެސް މައްސަލައެއް ހުށަހަޅައިފި އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ހަމީދުގެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ހަމީދުގެ ގޮނޑި ގެއްލިފައިވާ ކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާކަން އަންގައިދޭނެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެ ދެ ފަހަރު ވެސް މައްސަލަ ބޭރުކޮށްފަ އެވެ.
ކުރިން ވެސް ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސ. ހިތަދޫ، ލާމިގޭ މޫސާ އަންވަރެވެ. މިފަހަރު ވެސް މައްސަލަ ހުށަހަޅާފައި ވަނީ ހަމަ މޫސާ އަންވަރެވެ.
މޫސަ ބުނީ މިފަހަރު މައްސަލައިގައި ބުނެފައި ވާނީ ވެސް ހަމަ ކުރިއެކޭ އެއްފަދައިން އެ ގޮނޑި ގެއްލިފައިވާ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހަށް ވަޑައިގެންނެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ހަމީދު ވިދާޅުވެފައިވާތީ އެކަމަށް ވެސް މިފަހަރު ރިއާޔަތް ކޮށްފައި ވާނެ ކަމަށް ވެސް މޫސަ ބުންޏެވެ.
ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް އޭނާ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހައި ކޯޓުން މިރޭ ގޮތެއް ނިންމުން ގާތެވެ.
ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއި ކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއި ކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއި ކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ހަމީދުގެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ