ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަތްބާނައިގެން ހިންގުމުގެ ފުރުސަތު އޮވެގެން ނުވާނެ: ބައެއް މެމްބަރުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަތްބާނައި ނުފޫޒު ފޯރުވޭނެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލުން އެކަން ހުއްޓުވުމުގެ މަގު ފަހިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވިލުފުށި ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލާ ބެހޭ ގޮތުން ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މިހާރު ވެސް ސަރުކާރުން ކުރަމުންދާ ކަމަކީ ކުންފުނިތަކަށް ނުފޫޒު ފޯރުވައި ހެދުން ކަމަށާއި ވަކި ބަޔަކަށް އެ ތަންތަނުން މަގާމުތައް ދީ ހެދުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ 21 މިލިއަން ޑޮލަރަށް ތިލަފުށި ހިއްކަން 20 މިލިއަން ޑޮލަރު އޮއްވައި ދޭންޖެހޭނެ ކަމަކަށް. އެއާޕޯޓުގެ ބޯޑު ބަދަލުކުރީ ކޮން ކަމަކާ ތޯ؟ ޖީއެމްއާރަށް އެއާޕޯޓު ދިނުމަށް އިވެލުއޭޓް ކުރިއިރު ބޯޑުގައި ހުންނެވި ޗެއާމަން އެކަމަށް ގަބޫލު ނުވެގެން މުޅި ބޯޑު ބަދަލުކޮށްފައި އެހެން ބޯޑެއް ލައިގެން ޖީއެމްއާރަށް އެއާޕޯޓް ދިންތަން މި ފެނުނީ. މިއީ ކުންފުނި ހިންގަންޖެހޭ ގޮތް. އަޅުގަނޑުމެން ދެރަވޭ މިއަދު އައިލެންޑް އޭވިއޭޝަންގެ އެތައް ބައިވަރު މުވައްޒަފުންތަކެއް މާޔޫސްކަން މަތީގައި އެ ތިބެނީ. އެ މީހުންގެ ފޮޓޯ އަޅުގަނޑުމެންނަށް ނޫހުން ފެނިގެން އަޅުގަނޑު ހިތާމަކުރަން. އެ ކުންފުނީގެ މުވައްޒަފުންނަށް ކޮން ފަދަ ނިކަމެތި ކަމެއްތޯ މިއަދު ކުރިމަތިވީ،" ގައުމީ ޕާޓީގެ ނާއިބު ރައީސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުންޏަކުން ކުރަންޖެހޭ ކަންތައް ނިންމާނީ ކުންފުނީގެ ބޯޑުން ކަމަށް ވިޔަސް މިއަދު ފެންނަމުންދަނީ ސަރުކާރުން އެ ބޯޑުގެ ތެރެއަށް އަތްބާނައިގެން ސަރުކާރުން ބޭނުންވާ ކަންތައްތައް ކުރަމުންދާތަން ކަމަށެވެ.
"ދެން ޔުޓިލިޓީޒް ކުންފުނިތައް ހެދީ ރައްޔިތުންނަށް ހިދުމަތްދޭން. ކޮން ހިދުމަތެއްތޯ ދިނީ؟ ދިން ހިދުމަތަކީ ރައްޔިތުންގެ މުދާ ނުހައްގުން ދަމައިގަތީ. ގާނޫނު އަސާސީ ބުނަނީ ކީކޭތޯ؟ އެއްވެސް މުދަލެއް ނެގޭނީ އަދުލުވެރި ބަދަލެއް ދީފައޭ. މި ބޭފުޅުން ގާނޫނަށް ތަބާވާން ނުޖެހޭތޯ؟ ގާނޫނަކަށް ގަވާއިދަކަށް އުސޫލަކަށް މި ބޭފުޅުން ބެލުމެއް ނެތި ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރާތީ އަޅުގަނޑުމެން އެބަޖެހޭ މި ބޭފުޅުންގެ އަތްބަންނަން،" ރިޔާޒް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ ޑީއާރުޕީ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ އެމްބީސީ ގާނޫނު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަށް ސަރުކާރުން އަމަލު ނުކުރާތީ ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލް ފަދަ ބިލްތައް މަޖިލީހަށް ހުށަހަޅަން މަޖުބޫރުވަނީ ކަމަށެވެ.
އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަނެއް ރާއްޖެ އަށް ކޮންމެހެން މުހިންމު ވެއްޖެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކުންފުނިތައް އެންމެ ރަނގަޅަށް ނުހިންގުމެވެ.
"މިހެން އަޅުގަނޑު މި ދަންނަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މެމްބަރުން ވެސް އެ މެމްބަރުންނާ މަސްއޫލިއްޔަތު ހަވާލުކުރެއްވީމާ މަޖިލީހުގައި ދިމާވާ މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ކުރިމައްޗަށް ކިއްލި ކޮތަޅު ހިފައިގެން އައިސް މުޒާހަރާ ކުރުމަކުން ޒިންމާ އަދާކުރެވުނީއެއް ނޫނޭ. އެހެން މި ދެންނެވީ ނަތީޖާއަކަށް ވެގެންދިޔައީ ކިހިނެއްތޯ؟ ކުންފުނި ބަނގުރޫޓުވީ. ދިމަދިމާތަކަށް އެކަކަށް ކުންފުނި ދީގެން އަނެކަކަށް އަނެއް ކުންފުނި ދީފައި ދެ ނަމެއްގެ މައްޗަށް ނަން އެކުލެވިގެން ކުންފުނި ބަހާލަން ޖެހުނީ. އަޅުގަނޑު މި ދަންނަވަނީ މިފްކޯގެ ވާހަކަ. ބައްލަވާ ލައްވާ އެމްޑީއަކަށް ހުރި ބޭފުޅާ ރާއްޖެ އިން ބޭރަށް ކިހާ ދަތުރެއްތޯ ކުރައްވާފައި ވަނީ. މިހެންވީމަ މިފަދަ ބިލްތަކަކީ މުހިންމު ބިލްތަކަކަށް އަޅުގަނޑުމެންނަށް ވާންޖެހޭ ސަބަބުތަކަކީ މިއީ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލް ފަދަ ބިލްތަކަކީ ސަރުކާރަށް އެއްބާރުލުން ދިނުމަށް މަޖިލީހަށް ހުށަހަޅާ ބިލްތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ސަރުކާރަށް ދަތިކުރުމަށް ހުށަހަޅާ ބިލްތަކެއް ކަމަށް މާނަކޮށްގެން ނުވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ސަރުކާރު ހިމެނޭ ކުންފުނިތަކުން ފެސިލިޓީޒް ދޭންޖެހޭނީ ވަކި ކުލައަކަށް ވަކި ވިސްނުމަކަށް ވަކި ފިކުރަކަށް ބަލައިގެންނެއް ނޫނޭ. ގައުމުގެ ލާބަ އަށް މަންފާ އަށް މަސައްކަތްކުރާ ގައުމުގެ އިގުތިސާދު ހަރުދަނާކުރުމަށް މަސައްކަތްކުރާ، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް އެ ކަންތައް ކޮށްދޭން ޖެހޭނެ. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ދެ އަހަރުވީ ފަހުން ބަޔަކަށް މި ރިއަލައިޒްވީ މީހަކަށް ކްރެޑިޓް ފެސިލިޓީޒް މި ދެވުނީ ގޯހަކުން ކަން. އެހެންވީމަ ކަމަކު ނުދާނެ،" އާމިރު ވިދާޅުވި އެވެ. "މި މަޖިލީހުގައި އަޅުގަނޑުގެ މި ދެ ކަންފަތުން އަޑު އެހިން ވަގުތުން ވަގުތަށް އެކަމާ ގުޅޭ ފަރާތްތަކަށް ފޯނުކޮށްފައި މިހާރުން މިހާރަށް މި ފެސިލިޓީޒް ކަނޑާލާށޭ. ނޫންނަމަ ތިމަންނަމެން ސަރުކާރާ އެއްކޮޅަށް އެންމެ ވޯޓެއް ވެސް ނުދޭނަމޭ. މިއީ އަޅުގަނޑުގެ ކަންފަތުން އަޑު އެހި ވާހަކަ."
ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވީ ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުންނެވެ. އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ ބިލްގެ މައިގަނޑު ބޭނުމަކީ ދައުލަތް ހިންގަން ދަތިކުރުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އެކިއެކި ކަންތައްތައް ކޮށްދޭތީ އެކަމަށް މި ބިލުން ހުރަސް އަޅާ ކަން އެ ބޭފުޅުން ފާހަގަ ކުރައްވަމުން ގެންދެވި އެވެ.
"ހަގީގީ މައްސަލައަކަށް ވެގެން މި އުޅެނީ މި ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ހެވެއް ލިބިދާނެތީ. ހަގީގީ މައްސަލަ އަކީ އެސްޓީއޯ މެދުވެރިކޮށް އަތްފޯރާ ފަށުގައި ކާބޯތަކެތީގެ އަގުތައް ތިރިކޮށް ދެވިދާނެތީ. ހަގީގީ މައްސަލައަކީ ތިލަފުށީ ކޯޕަރޭޝަން މެދުވެރިކޮށް މި ތޮއްޖެހެމުންދާ މާލޭގެ ތޮއްޖެހުންތައް ހަމައަކަށް އަޅުވާފާނެތީ. ހަގީގީ މައްސަލަ އަކީ ގުޅީފަޅު އިންވެސްޓްމަންޓުން ގުޅީފަޅު ތަރައްގީ ކޮށްފާނެތީ. ހަގީގީ މައްސަލަ އަކީ ޖީއެމްއާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކޮށްފާނެތީ. އެ ތަނުގައި ޒަމާނުއްސުރެން ބަހައްޓާފައި ހުރި ބާލިދީތައް ނަގާފާނެތީ މައްސަލަ އަކީ. ހަގީގީ މައްސަލަ އަކީ އެޗްޑީސީ އިން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދީފާނެތީ. ހަގީގީ މައްސަލަ އަކީ ވޯކްސް ކޯޕަރޭޝަނުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ފަޅެއް ކޮނެފާނެތީ. ހަގީގީ މައްސަލަ އަކީ ބަނދަރެއް ހަދައިފާނެތީ. ހަގީގީ މައްސަލަ އަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދެވަނަ ދައުރަކަށް އެމްޑީޕީން ވެރިކަމަށް އައިސްދާނެތީ. މި ނޫން އެއްވެސް މައްސަލައެއް ނެތް،" ގދ. ތިނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް މިނިވަންކުރުމަށްޓަކައި ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލުގައިވާ ގޮތުން ބޯޑަށް ރައްޔިތުންގެ މަޖިލީހުން މެމްބަރުން އައްޔަންކުރާ ގޮތަށް އޮވެގެން ކުންފުނިތައް މިނިވަންވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި ގިނައިން ތިއްބެވީ ވިޔަފާރިވެރިން ކަމަށްވާއިރު ކުންފުނިތަކަށާއި ބޯޑުތަކަށް މަޖިލީހުން މެމްބަރުން އައްޔަންކޮށްގެން މިނިވަންވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"އެއީ މިހާރު ވެސް މި ބިލެއް ހުށަހެޅުއްވި ބޭފުޅަކު ވެސް ހުށަހަޅުއްވާފައި ވަނީ އެ ބޭފުޅާގެ އަމިއްލަ މަސްލަހަތު އޭގައި ހިމެނޭ ގޮތަށް އެސްޓީއޯ އިން ތެލުގެ ކްރެޑިޓް ފެސިލިޓީސް ކަނޑާލެއްވީމަ ހުށަހެޅުއްވި ބިލެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ތަނަވަސްކޮށްދިނުމާއި އެ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން މިނިވަންކުރުމާއި އެ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އައްޔަންކުރާ ފަރާތްތަކަކީ ގާބިލު ބައެއް ކަމަށް ކަށަވަރު ކުރުމެވެ.
ބިލްގައި ބުނެފައިވާ ގޮތުން ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަން ރައްޔިތުންނަށް ޒިންމާ އުފުލާނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ކޮމިޝަން އެކުލެވެނީ ނުވަ މެމްބަރުންގެ މައްޗަށް ކަމަށްވާއިރު އެ ކޮމިޝަނުގައި ތިބޭނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި އެމްއެމްއޭގެ ގަވަރުނަރު ނުވަތަ އެ އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ އެ ތަނުގެ ބޯޑު މެމްބަރަކާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީސްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މަޓީގެ ބޯޑު މެމްބަރަކާއި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ބޯޑު މެމްބަރެއް އަދި އާންމުންގެ ތެރެއިން އިއުލާންކޮށްގެން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ދެ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ