ޑީއާރްޕީގެ ގައުމީ ޖަލްސާ: ޕާޓީގެ ނާއިބު ޒައީމު ކަމަށް ހަމްދޫން ހަމީދު، އަންހެން ގޮފީގެ ނާއިބު ރައީސާ ކަމަށް ދުންޔާ މައުމޫން

46: 01 (ދަންވަރު)
ދިވެހި ރައްޔިތުންގެ ޕާޓީގެ އަންހެން ގޮފީގެ ނާއިބު ރައީސާގެ މަގާމަށް ދުންޔާ މައުމޫން (މއ. ކިނބިގަސްދޮށުގެ) ހޮވިވަޑައިގެންފި އެވެ.
ދުންޔާ މި މަގާމަށް ހޮވިވަޑައިގަތީ މިހާރު ކުރިއަށްދާ ޑީއާރްޕީގެ ދެ ވަނަ ގައުމީ ޖަލްސާގައި، އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި، ވޯޓު ދިން 242 އަންހެން ބޭފުޅުންގެ ތެރެއިން 236 ބޭފުޅުންގެ ތާއީދު ލިބިވަޑައިގެންނެވެ. މި މަގާމަށް ވާދަކުރެއްވި ޝަމްސުއްނިސާ އަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.
މީގެ އިތުރުން ކައުންސިލްގެ މެންބަރުކަމުގެ ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން އެ ދެ ގޮނޑިއަށް ހޮވިފައިވަނީ، ވިސާމް އަލީ (ނާއިބު ޒައީމް އަހްމަދު ތަސްމީން އަލީގެ އަނބިކަނބަލުން) އާއި ހަސަން ޝުޖާއު އެވެ. މީގެ ތެރެއިން ވިސާމް އަލީ އަށް ލިބިވަޑައިގަތީ 726 ވޯޓެވެ. ހަސަން ޝުޖާއަށް 572 ވޯޓެވެ.
37: 22
ދިވެހި ރައްޔިތުންގެ ޕާޓީގެ ހަތަރު ނާއިބު ޒައީމުން ކުރެ ހުސްވެފައިވާ ނާއިބު ޒައީމުކަމުގެ މަގާމަށް، ހަމްދޫން ހަމީދު އިންތިޚާބުވެވަޑައިގެންފި އެވެ.
އޭނާ މި މަގާމަށް އިންތިޚާބުވެވަޑައިގަތީ، އެ މަގާމަށް ވާދަކުރެއްވި ތިން ބޭފުޅުންގެ ތެރެއިން 537 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މި މަގާމަށް ވާދަކުރެއްވި އިބްރާހީމް ޝަރީފަށް ލިބިވަޑައިގަތީ 269 ވޯޓެވެ. އަދި އަބްދުއްރަޝީދު ނާފިޒަށް ލިބިވަޑައިގަތީ، 22 ވޯޓެވެ. ޖުމްލަ 845 މެންބަރުން ވޯޓުގައި ބައިވެރިވި އިރު 17 ވޯޓު ބާތިލުވެފައިވެ އެވެ.
50: 20
ދިވެހި ރައްޔިތުންގެ ޕާޓީގެ ދެ ވަނަ ގައުމީ ޖަލްސާގެ އިންތިޚާބީ ދަންފަޅީގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެ އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މިރޭގެ ދަންފަޅީގެ މަސައްކަތް ފެށިގެން ދާއިރު، އެންމެ ފުރަތަމަ ވެސް އޮންނާނީ ޕާޓީގެ ހަތަރު އިންތިޚާބެއްގެ ވޯޓުލުމެވެ. އެއީ ޕާޓީގެ ހުސްވެފައިވާ ނާއިބު ޒައީމެއްގެ ގޮނޑިއަށް ބޭފުޅަކު އިންތިޚާބު ކުރުމާއި ކައުންިސލް ގެ ހުސްވެފައިވާ ދެ ގޮނޑިއަށް ދެ މެންބަރުން އިންތިޚާބު ކުރުމާއި ޕާޓީގެ އަންހެން ގޮފީގެ ހުސްވެފައިވާ ނާއިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމާއި ޕާޓީގެ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމިޓީގެ ދެ ގޮނޑިއަކަށް ދެ މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުމެވެ.
ނާއިބު ޒައީމުކަމުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ، އަބްދުއްރަޝީދު ނާފިޒު އާއި ހަމްދޫން ހަމީދު އަދި އިބްރާހީމް ޝަރީފް (މަވޯޓާ) އެވެ. އަންހެނުންގެ ގޮފީގެ ނާއިބު ރައީސާ ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ، ދުންޔާ މައުމޫން އާއި ޝަމްސުއްނިސާ އެވެ.
މީގެ އިތުރުން ކައުންސިލްގެ މެންބަރުކަމުގެ ހުސްވެފައިވާ ދެ ގޮނޑިއަށް ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. ޕާޓީގެ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމިޓީގެ ދެ ގޮނޑިއަކަށް އަށް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ