މައުމޫން ފައުންޑޭޝަން ކުރިއެރުވުމަށް މައުމޫން ސްރީ ލަންކާ އަށް ވަޑައިގެންފި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް އެމަނިކުފާނުގެ އަމިއްލަފުޅު ފައުންޑޭޝަން ކަމަށްވާ މައުމޫން ފައުންޑޭޝަން ކުރިއެރުވުމުގެ މަގްސަދުގައި ސްރީ ލަންކާ އަށް ބުދަދުވަހު ވަޑައިގެންފި އެވެ.
އެމަނިކުފާނު ލަންކާ އަށް ވަޑައިގެންނެވީ ރާބިތަތުލް ޢާލަމިލް އިސްލާމީ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ސައުދީ އަރަބިއްޔާގައި ބޭއްވި ހާއްސަ ޖަލްސާ އަށް ފަހު ރާއްޖެ އަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގަ އެވެ.
މައުމޫން ފައުންޑޭޝަނުން ބުނާ ގޮތުގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަޕޯޓުން ރައީސް މައުމޫނަށް މަރްޙަބާ ދެންނެވީ ސްރީ ލަންކާގެ ވެސްޓަން ޕްރޮވިންސްގެ ގަވަރުނަރް އަދި މައުމޫން ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގެ މެންބަރު ސައްޔިދު އަލަވީ މައުލާނާ އާއި ސްރީ ލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލްގެ އިސް ބޭފުޅުންނެވެ.
ރައީސް މައުމޫންގެ މިދަތުރުފުޅުގައި ސްރީ ލަންކާ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، އެގައުމުގެ މުސްލިމް ޖަމާއަތްތަކުގެ ތެރެއިން ފުންނާބު އުސް ބައެއް ބޭފުޅުންނާއި، ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ އިތުރުން އިޖްތިމާއީ ޚިދްމަތުގައި ގުނާލެވޭ ބައެއް ބޭފުޅުންނާއި ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހިންނާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެފައިވެ އެވެ.
ސްރީ ލަންކާ އަށް ވަޑައިގަތުމުގެ ކުރިން މައުމޫން ވަނީ މައްކާގައި އޮތް ރާބިތާގެ ހާއްސަ ޖަލްސާގެ ހަތް ވަނަ ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ. އަދި މިސްރު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމީ އުއްމަތަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަކީ އަނިޔާވެރިކަމަށް ބާރުއަޅާ ދީނެއް ކަމަށް ބަޔާންކޮށް އިސްލާމް ދީނުގެ އަގު ވައްޓާލުމުގެ މަޤްސަދުގައި، އިސްލާމީ އުންމަތުން ބޭރުން ހިންގަމުންދާ ކެމްޕޭން ކަމަށް ވިދާޅުވި އެވެ.
މިސްރު ޓީވީން ކުރި ސުވާލުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ދެ ވަނަ އަށް އެންމެ ބޮޑު ގޮންޖެހުމަކީ އުންމަތުގެ މެދުގައި ހުރި ދެބަސްވުންތަކާއި ޚިލާފުތައް ކަމަށް ވިދާޅުވި އެވެ. ތިން ވަނަ ގޮންޖެހުމެއްގެ ގޮތުގައި ރައީސް މައުމޫން ފާހަގަކުރެއްވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި ގުދްސުލް ޝަރީފްގެ މައްސަލަ އެވެ.
ރާބިތާގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާބިތާ އަށް ލިބިފައިވާ ކުރިއެރުމުގައި، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްއަޒީޒް އަލް ސަޢޫދު އާއި އެރަސްގެފާނުގެ ސަރުކާރުން ދެއްވާ ޚާއްސަ އަހަންމިއްޔަތު ފާހަގަކުރައްވާ، އެރަސްގެފާނަށާއި ސައޫދީ ސަރުކާރަށް ޝުކުރާއި ތަހުނިޔާ އަދާކުރެއްވި އެވެ.
ޖަލްސާގެ ހަތް ވަނަ ދަންފަޅި ފެށުމުގެ ގޮތުން ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، މައުމޫން ފައުންޑޭޝަނާ ބެހޭ މައުލޫމާތު ވެސް ދެއްވި އެވެ. އެގޮތުން އިސްލާމް ދީނުގެ އަސްލުތައް ރައްޔިތުންނަށް އޮޅުންފިލުވާދިނުމާއި އިސްލާމް ދީނާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް ލޯތްބާއި ގަދަރު އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ފައުންޑޭޝަނުން ހިންގަން ގަސްދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އިޖްތިމާއީ ދުޅަހެޔޮކަމާއި ޞިއްހީ ދާއިރާ އާއި ޒުވާނުންގެ ތަރައްގީ އާއި ތައުލީމީ ދާއިރާ އަށް ވެސް ފައުންޑޭޝަންގެ މަސައްކަތް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅުގައި ރާބިތާ އަށް އިތުރު ކުރިއެރުމާއި ތަރައްގީ އަށް އެދިވަޑައިގެންނެވި އެވެ. އަދި އެޖަމިއްޔާގެ މަސައްކަތްތަކަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން، ކުރިއަށް އޮތް ތާނގައި ވެސް، ލިބެމުންދާނެކަމުގެ ޔަގީންކަން އެރުވި އެވެ.
ރައީސް މައުމޫން ރާއްޖޭގެ ވެރިކަމުގައި ކުރެއްވި ޚިދުމަތްތަކުގެ މައްޗަށް ޖަލްސާގެ ބައެއް ބައިވެރިން ތައުރީފުކުރެއްވި ކަމަށް ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެސިޑެންޓް އޮފީހުން ބުނެ އެވެ. އެގޮތުން އުރްދުންގެ ރަސްގެފާނުގެ ދަރުބާރުގެ އިމާމް ޑރ. އަޙްމަދު ޙުލައިއެލް ވަނީ ރައީސް މައުމޫނަކީ އަރަބި ދުނިޔޭގައި ވަރަށް މަޤްބޫލު ޝަޙްސިއްޔަތެއް ކަމަށް ވިދާޅުވެފައި ކަމަށް މައުމޫންގެ އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ