ނުބުނާނަން އެއީ ފައިސާ ހޯދަން ވެގެންނޭ، އެކަމަކު އެ މަންޒަރު އެބަ ފެނޭ: ރީކޯ މޫސަ

ވަޒީރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވިދާޅުނުވިޔަސް އެ މަންޒަރު އެބަ ފެންނަ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނަގައި ސީދާ އެބޭފުޅުން (އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް) ކައިރީގައި ޗެކު ދޭން އެދުމަށެވެ.
"ވަކި މީހެއްގެ އިތުބާރު ނެތް ކަމަށް ލައިގެން ކޮންމެހެން އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުން ލާރި ނަގައިގެން ކަމެއް ކުރަން ނޫޅެ ރަނގަޅުވާނޭ އަޅުގަނޑުމެން [ކައިރީ] ސީދާ ބުނާށޭ ޗެކު ހަވާލުކުރަން،" މޫސަ ވިދާޅުވި އެވެ. "މިއީ ވަރަށް ނުދައްކާ ވާހަކައެއް އެހެންނަމަވެސް މި ވާހަކަ ދައްކަން ޖެހުނީމަ ދައްކާނަން. ބައެއް ފަރާތްތަކުން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލިއަކަށް ކަންކަން ވައްދަނީ ލާރި ހޯދަންވެގެންނޭ އަޅުގަނޑު ނުއެއް ބުނާނަން އެކަމަކު އެ މަންޒަރު އެބަ ފެންނަން ފަށާ."
މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވިޔަފާރި ފެށިއްޖެ ނަމަ ދާނީ ވަރަށް ނުބައި މިސްރާބަކަށް ކަމަށެވެ. އަދި އޭރުން މަޖިލީހާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އަގު މަތިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީސްގެ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ބައެއް ވިޔަސް ޕާޓީއެއްގައި ތިބި މީހުން ވިޔަސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން ކަމަށް ވިޔަސް އެއްވެސް ގޮތަކުން ލާރި އޭގެ ތެރެއަށް ވަދެގެން ބޮޑު ވިޔަފާރިއަކަށް ވެއްޖެއްޔާ މަޖިލިސް މުޅި މުއައްސަސާއާ ދޭތެރޭ ރައްޔިތުން ދެކޭ ގޮތް ގޯސްވެ ސަރުކާރު ނުވަތަ އެހެން މުއައްސަސާތަކުގެ އަގު މަތިވެގެން ހިނގައިދާނެ،" މޫސަ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް ހައްގަކާ ނުލައި މީހެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެމްޑީޕީ ބޮޑު ބައްޔެއް ވެގެން ނުނިކުންނާނެ ކަމުގެ ޔަގީންކަން ވެސް މޫސަ ދެއްވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އަކީ ރައްޔިތުންގެ މަޖިލީހަށް މާ ބޮޑު، މާ ގިނަ ބާރުތަކެއް ދީފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެހެންވާން ޖެހުނީ ކުރީގެ ގާނޫނު އަސާސީގައި ވެރިކަން ކުރާ ފަރާތަށް ގިނަ ބާރުތަކެއް ދީފައިވުމާ އެކު އެބާރު ނިގުޅައިގަތުމަށް އޭރު ރައްޔިތުން ބޭނުންވެފައި ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ