މިހާރަކަށް އައިސް ބައެއް މީހުން ދައްކާ ވާހަކަތަކުން، އެ މީހުންނަށް ރާއްޖޭގެ އިސްލާހީ ހަރަކާތް ފެށިގެން އައިގޮތް ހަނދާން ނެތިފައިވާ ކަމަށް ސޯޝަލް ލިބަރަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް އިސްމާއީލާއި އެބޭފުޅާގެ ރަނިންމޭޓް ފާތިމަތު ނާހިދު ޝާކިރު މ. އަތޮޅަށް ކުރައްވާ ދަތުރުގައި އެއަތޮޅު މުލަކުގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ އެންމެ އިސް މީހުން ކަމުގައި ބައެއް މީހުން ސިފަ ކުރާ މީހުންނަކީ އިސްލާހީ ހަރަކާތް ފެށިގެން ވަކި ހިސާބަކަށް އައި އިރުވެސް ރާއްޖޭން ބޭރުގައި ތިބި ބައެއް ކަމަށެވެ.
އިބްރާ ވިދާޅުވީ އިސްލާހީ ހަރަކާތުގެ އެންމެ ކުރީ މަރުހަލާގައި ހިމެނެނީ ދިވެހި ރައްޔިތުންގެ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ލިބިގަތް މިނިވަން ބަހުސްގެ ސިލްސިލާ އާއި ޖުމްހޫރީ މައިދާނުގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލިސްގެ އިންތިހާބު ކަމަށެވެ. އެހެން ނަމަވެސް މިއިން ހަރަކާތެއްގައި ބައިވެރިނުވެ، ރާއްޖޭން ބޭރުގައި ތިބި މީހުންނަށާއި މި ހަރަކާތްތަކާއި ދެކޮޅަށް ތެދުވެ ހަރަކާތްތައް ނައްތާލުމަށް މަސައްކަތްކުރި މީހުންނަށް އިސްލާހީ ހަރަކާތުގެ އިސްމީހުންގެ ލަގަބް ނުދެވޭނެ ކަމަށް އިބްރާ ވިދާޅުވި ކަމަށް އެ ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅުނަށް ވޯޓު ދެއްވަން ބޭނުންވާ ރައްޔިތުން، ވަކި މީހަކަށް ވޯޓު ދިނުމުގެ ކުރިން އިސްލާހީ މަސައްކަތުގައި ގުރުބާންވި މީހުންނާއި އެމީހުންނަށް ހުރަސް އަޅައި، ގެއްލުންދިން މީހުން ވަކިކޮށް ދެނެގަންނަން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
މ. މުލަކުގައި ބޭއްވި އެ ބައްދަލުވުމުގައި އިބްރާ ވަނީ ބައެއް ރިޔާސީ ކެނޑިޑޭޓުންގެ ބަސްފުޅުތަކަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދަވައިދެއްވީ ޑރ. ހަސަން ސައީދުކަމަށް އެ ބޭފުޅާ ވިދާޅުވާ ވިދާޅުވުން އިބްރާ ދޮގު ކުރައްވާފައިވާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވާ ގޮތުގައި އިބުރާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި އެއީ ރައްޔިތުން އަމިއްލައަށް ލިބިގަތް ހައްގެއް ކަމަށެވެ.
އިބްރާއާއި އެ ބޭފުޅާގެ ރަނިންމޭޓު ކެމްޕޭނު ދަތުރުގައި މުލަކުގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްރަށްވަނީ ވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބު 2008: އިސްލާހީ ހަރަކާތް ފެށިގެން އައިގޮތް ބައެއް މީހުން މިހާރު ވަނީ ހަނދާން ނެތިފައި: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ