ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އައްޑު އަތޮޅަށް އުފަން ޑރ. ހަސަން ސައީދުގެ އިތުރު ކެމްޕޭން އޮފީހެއް ސ. ހިތަދޫގައި ރޭ ހުޅުވައިފި އެވެ.
މި އޮފީސް ހުޅުވައިދީފައި ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި މީގެ ކުރިން އައްޑޫގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ އަދި މިހާރު ވެސް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރި އަހުމަދު މުހައްމަދު ދީދީ (ފަޒާ އަހުމަދު) އެވެ. އެހެން ނަމަވެސް އޭނާ ރޭ ބުނީ ވަރަށް ގިނަ ސަބަބުތަކާ ހެދި އޭނާ މިހާރު ތާއީދުކުރަނީ ޑރ. ހަސަން ސައީދަށް ކަމަށެވެ.
ހިތަދޫ ކޮރުވައު އަވަށުގައި އޮފީސް ހުޅުވައިދިނުމަށް ފަހު އޭނާ ބުނީ ހިތަދޫގައި ހުޅުވި ޑރ. ހަސަންގެ ދެވަނަ ކެމްޕޭން އޮފީހަކީ، ހަސަންގެ ކޭމްޕުން ހަރަދުކޮށްގެން ހުޅުވި އޮފީހެއް ނޫން ކަމަށާއި އެއީ އެރަށުގެ އަމިއްލަ މީހަކު ހަސަނަށް ތާއީދު ހޯދައިދިނުމުގެ ގޮތުން އޭނާ އަމިއްލަ އަށް ހަރަދުކޮށްގެން ހުޅުވި އޮފީހެއް ކަމަށެވެ.
ރިޔާސީ އިންތިހާބު ބާއްވަން ދެ ދުވަހަށް ވެފައިވާއިރު ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނުތައް މިއަތޮޅުގައި ވަރަށް ފޯރިއާ އެކު މިހާރު އަންނަނީ ހިންގަމުންނެވެ.
ޑރ. ހަސަންގެ 20 ފޫޓުގެ ބޮޑު ޕޯސްޓަރެއް ވެސް އިއްޔެ ވަނީ ހިތަދޫ ލިންކް ރޯޑު ސަރަހައްދުގައި ބަހައްޓައިފަ އެވެ. މިއީ މިހާތަނަށް މި އަތޮޅުގައި ބަހައްޓައިފައިވާ ކެންޑިޑޭޓެއްގެ އެންމެ ބޮޑު އިންތިހާބީ ޕޯސްޓަރެވެ. އެ ޕޯސްޓަރުގައި އައްޑޫ ބަހުރުވައިން "ޑރ. ހަސަނަށް ވޯޓުލުމަކީ އަފިރިންނަށް ލިބޭ ބޮޑު ފަހުރެއް" ކަމަށް ލިޔެފައިވެ އެވެ.
މީގެ އިތުރުން މި އަތޮޅުޅުގެ ލިންކް ރޯޑުގައި ގިނަ އަދަދަކަށް ޑީއާރްޕީގެ ނޫކުލައިގެ ބެނާތަކާއ ޖުމްހޫރީ ގުޅުމުގެ ރަތް ބެނާތައް ގިނަ އަދަދަކަށް ދަމާފައިވެ އެވެ.
ރިޔާސީ އިންތިހާބު 2008: ޑރ. ހަސަންގެ އިތުރު ކެމްޕޭން އޮފީހެއް ހިތަދޫގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ