ބަންގްލަދޭޝްގެ ކުރީގެ ރައީސާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ބަންގްލަދޭޝްގެ ކުރީގެ ރައީސް ހުސައިން މުހަންމަދު އިރުޝާދު ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިކަން އޮތީ ރައީސް މައުމޫނު ހުންނަވާ ގެކޮޅުގައި ކަމަށްވާ އަލިވާގޭގައި ބުދަ ދުވަހު އެވެ. ބަންގްލަދޭޝްގެ ކުރީގެ ރައީސް ރާއްޖެ އަށް ވަޑައިގެން މިއުޅުއްވަނީ އަމިއްލަ ޗުއްޓީ ދަތުރުފުޅެއްގަ އެވެ. އެމަނިކުފާނުގެ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.
އިރުޝާދާއެކު ބޭއްވި ބައްދަލުވުމުގައި މައުމޫނު ދެއްކެވި ވާހަކަފުޅުގައި އިރުޝާދުގެ ރައީސް ކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން ތަރައްގީ ވެފައިވާގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތާގައި ވެސް އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ދެ ރައީސުން ވެސް ވިދާޅުވި އެވެ.
އިރުޝާދުގެ ވާހަކަފުޅުގައި ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތް ކުރެއްވި ކަމަށާއި ނަމަވެސް ރާއްޖެ އަށް އައިސްފައިވާ ކުރިއެރުމާއި ތަރައްގީގެ މައްޗަށް މިފަހަރުގެ މިދަތުރުފުޅުގައި ހައިރާންވި ކަމަށް ވިދާޅުވި އެވެ. އަދި ތަރައްގީ އާއި ކުރިއެރުމުގެ ހަގީގީ ބާނީ އަކީ މައުމޫންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ