ސަރުކާރުގެ ނުފޫޒާ ހެދި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ގޮތެއްގައި ވާދަކުރުމުގެ ފުރުސަތެއް ނެތް: މައުމޫން

މިހާރުގެ ސަރުކާރުގެ އެކި ކަހަލަ ނުފޫޒުތަކާ ހެދި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ގޮތެއްގައި، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އިން ވަގުތު ގަނެގެން މިއަދު ފޮނުވި ހިތާބެއްގައި ރައީސް މައުމޫން ވިދާޅުވީ އާންމު އިންތިހާބަށް ވެރިކަމުގެ ފަރާތުން ފާޅުގައި ނުފޫޒު ފޯރުވަމުން އެބަގެންދާ ކަމަށެވެ. އެގޮތުން އެތައް އަހަރެއް ވަންދެން ސަރުކާރަށް އިހުލާސްތެރި ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ އެކި ފެންވަރުގެ މުވައްޒަފުން، އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމާއި ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މަޖުބޫރުކުރުމުގެ އިތުރުން އެކަށީގެންވާ ތައުލީމެއް ނެތް އަދި ގާބިލިއްޔަތު ކަމެއް ނެތް އެތައް ބަޔަކު ސަރުކާރުގެ މުހިންމު ބައެއް މަގާމުތަކަށް އިސްކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށާއި ހާއްސަކޮށް ދައުލަތުގެ ރޭޑިޔޯ އާއި ޓީވީ މިހާރު ބަދަލުވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީގެ ޕްރޮފެގަންޑާ ހަތިޔާރަކަށް ކަމަށް ވެސް ރައީސް މައުމޫނުގެ ހިތާބުގައި ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތަކުގެ ގޮތުގައި ހެޔޮ ނިޔަތުގައި އަޅުގަނޑުމެން އުފެއްދި ތަންތަނުގެ މުސްތަގިއްލު ކަމަށާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް ސަރުކާރުން އަމަލު ކުރައްވަމުން އެބަ ގެންދަވާ. ކުރުކޮށް ދަންނަވާ ނަމަ، ތިޔަ ލޮބުވެތި ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑުގެ ސަރުކާރުން ތައާރަފު ކުރި އިސްލާހީ ޕްރޮގްރާމް މިއަދު މިދަނީ ވެއްޔާ މޮޑެވެމުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހިންގެ ބުރަ މަސައްކަތުން ހޯދާފައި ހުރި ދައުލަތުގެ ހަރު މުދާތައް ބޭރުގެ ފަރާތްތަކަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް އިވެމުންދާ ކަމަށާއި އެއީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އެގޮތުން އެއާޕޯޓްތަކާއި ބަނދަރުތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި ސަރުކާރު ނުވަތަ ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން ހިންގަމުންދާ ކުންފުނިތައް ވެސް ބިދޭސީންނަށް ވިއްކާލަން އުޅޭ ކަމުގެ ވާހަތައް ފެތުރިފައިވާކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމުގެ ހާލަތު ހިތާމަވެރި ގޮތަކަށް ބަދަލުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާއިރު އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަމަކީ ރާއްޖޭގެ ސިޔާސީ އިސްލާހީ ޕްރޮގްރާމް އަނބުރާ އިޔާދަކުރުން ކަމަށެވެ.
"ރާއްޖޭގައި ހަގީގީ ދިމިގްރާތީ ވެއްޓެއް އަލުން ގާއިމްކުރުން. މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު ކަމާއި ގަދަރާއި ހައިބަތު ރައްކާތެރި ކުރުން. ރާއްޖޭގެ މީޑިއާ އަށް، މީޑިއާގެ ފުރިހަމަ މިނިވަންކަން އަނބުރާ ގެނެސްދިނުން. ރާއްޖޭގެ އާ ގާނޫނު އަސާސީ ގެނެސްދީފައިވާ ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް އަނބުރާ ހޯދައިދިނުން،" މިއަދު މެންދުރު ފަހު ޓީވީއެމުން ފޮނުވި ހިތާބުގައި ރައީސް މައުމޫން ވިދާޅުވި އެވެ. "އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުން އިންތިހާބު ކުރައްވަންވީ، މަޖިލީހުގައި ސާބިތުކަމާ އެކު ވަކާލާތުކުރަން ކެރޭ އިހުލާސްތެރި ބައެއް. ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމުގެ ހިތްވަރާއި ގާބިލްކަން ހުރި މަންދޫބުން. ދީނަށް ހުރުމަތްތެރިކޮށް ހިތާ، ގައުމަށް ވަފާތެރި، ރައްޔިތުންނަށް އަމާނާތްތެރި މެމްބަރުން."
ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީން ޝާއިއުކުރި ކެންޑިޑޭޓުންގެ ލިސްޓުގައިވާ ހުރިހާ ފަރާތްތަކަކީ ވެސް އެފަދަ ސިފަތައް ހުރި އަދި ހިތްވަރާއި ކެރުމާއި ގާބިލްކަން ހުރި ކެންޑިޑޭޓުން ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ގައުމަށް އަބަދުމެ ހެޔޮ އެދޭ އިހުލާސްތެރި މުވާތިނެއްގެ ގޮތުން، އަދި ތިޔަ ބޭފުޅުންގެ މަތިވެރި ތާއީދާ އެކު، ގިނަ އަހަރުތަކެއް ވަންދެން ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި ދެމިހުރި މީހެއްގެ ހައިސިއްޔަތުން، އަދި ޑީއާރުޕީގެ ޒައީމްގެ ހައިސިއްޔަތުން ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އިހުލާސްތެރި އެދުމަކީ ޑީއާރުޕީން ޝާއިއު ކޮށްފައިވާ ލިސްޓުގައިވާ ކެންޑިޑޭޓުންނަށް، މި މަހުގެ 9 ވަނަ ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދެއްވުން. ގައުމަށްޓަކައި ދީނަށްޓަކައި އަޅުގަނޑުމެންގެ އުފާވެރި ކުރިމަގަށްޓަކައި އެ ހުރިހާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް އިންތިހާބު ކޮށްދެއްވުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ