މަޑެއިރާ، ޕޯޗުގަލް (ޖުލައި 3) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ފަހު، ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް އޭނާގެ ދައްތަ، ކަޓިއާ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯއާ އޭނާ ރިޓަޔާކުރާނެ ދުވަހަކާ ގުޅޭގޮތުން، މީޑިއާ އިން މީގެ ކުރިން އެކި ފަހަރުމަތިން ސުވާލުކުރި ނަމަވެސް އެ އަށް ސީދާ ޖަވާބެއް ދީފައިނުވެ އެވެ. އެކަަމަކު، ރިޓަޔާކުރާ ދުވަސް ކައިރިވަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސްޕޯޓްޓީވީ އަށް ދިން އިންޓަވިއުއެއްގައި ކަޓިއާ ބުނެފައިވަނީ، ރޮނާލްޑޯގެ ގައުމީ ޓީމުގެ ފަހު ފެނިލުންތައް ބަލައިގެން ވެސް އެންމެން ހިތްހަަމަ ޖައްސާލުމަށް އެދޭ ކަމަށާއި އޭނާ އަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއީ، ގައުމީ ޓީމުގައި ރޮނާލްޑޯގެ ފަހު މުބާރާތް ކަމަށެވެ.
"އަހަންނަށް މައުލޫމާތު ލިބިފައި އޮތީ މިއީ ފަހު މުބާރާތް ކަމަށް،" ކަޓިއާ ބުނެފައިވެ އެވެ.
ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި، ރޭ ޕޯޗުގަލް އިން 2-1 އިން ކްރޮއޭޝިއާ ބަލިކޮށް މުބާެރާތުގެ ގަދަ 16 ބުރަށް ދަތުރުކުރިއިރު، އެ މެޗުގައި ރޮނާލްޑޯ ވަނީ ޕެނަލްޓީ އަކުން ގޯލު ޖަހައި، ޕޯޗުގަލް އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ރޮނާލްޑޯގެ ގޯލެއް ފެނުނު ފުރަތަމަ ފަހަރެވެ.
އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި ލަނޑު ޖަހައި، ރޮނާލްޑޯ ވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯ އަކީ، ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ވެސް މެ އެވެ. އެ ގޮތުން، ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް ޖުމްލަ އެކު، 26 މެޗުން 11 ލަނޑު ޖަހައިފަ އެވެ.
ޕޯޗުގަލް އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ.
ވޯލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާކުރާނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ