ޔުއެފާގެ މުބާރާތްތަކުގައި އިދިކޮޅު ކުޅުންތެރިންނާ ވާހަކަދައްކާއިރު އަނގަ ނިވާކޮށްގެން ވާހަކަދެއްކި ނަމަވެސް، ކުޅުންތެރިން ދަނޑުން ފޮނުވައިނުލާން އެ އިދާރާއިން ނިންމައިފި އެވެ.މިފަހަރު ވޯލްޑް ކަޕަށް ފީފާއިން ދަނީ، އެ ގަވާއިދަށް އަމަލު ކުރަމުންނެވެ.
ފީފާ އާއި ހިޔާލުތަފާތުވުންތަކެއް މިހާރު ގެންގުޅޭ ޔޫއެފާއިން ވަނީ، އެ ޔޫނިއަންގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި ކޮންފަރެންސް ލީގުގެ އަންނަ ސީޒަނުގައި ވެސް މި ގަވާއިދު ބޭނުންނުކުރުމަށް ނިންމާފަ އެވެ. ނަމަވެސް އިދިކޮޅު ކުޅުންތެރިޔާ އަށް ނިސްބަތްކޮށް ބުނާ އެއްޗެއް ސިއްރުކުރުމުގެ ގޮތުން އަނގަމަތީގައި އަތްއެޅުމަކީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއްގެ ގޮތުގައި ބަލައި، ރެފްރީންނަށް ރީނދޫ ކާޑެއް ދެއްކިދާނެ ކަމަށް ޔުއެފާއިން ބުންޏެވެ.
މިފަދަ އަމަލުތަކާ ގުޅިގެން ފަހުން ކުރިއަށްދާނެ ތަހުގީގުތަކެއްކޮށް ފިޔަވަޅު އެޅިދާނެ ކަމަށް ޔޫއެފާއިން ބުންޏެވެ.
"މި ނިންމުމުގެ ސަބަބުން، އެފަދަ އަމަލެއް ނުވަތަ އެއާ ގުޅިގެން ފަހުން އަތުވެދާނެ އެއްވެސް ޑިސިޕްލިނަރީ ތަހުގީގަކަށް ނުވަތަ ފިޔަވަޅެއް އެޅުމަކަށް އެއްވެސް ހުރަހެއް ނެތް،" ޔުއެފާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފީފާއިން ވޯލްޑް ކަޕްގައި މި ގަވާއިދުގެދަށުން އެންމެ ފުރަތަމަ މަޅިއަށް ފެތުނީ ޕެރަގުއޭގެ މިގޭލް އަލްމިރޯން އެވެ. އަދި އިކުއެޑޯގެ ޕިއޭރޯ ހިންކާޕީ ވެސް ވަނީ އިދިކޮޅު ކުޅުންތެރިޔާއާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި އިރު އަނގަ ނިވާކުރުމުން ރަތް ކާޑުގެ އަދަބު ލިބިފަ އެވެ.
ނަމަވެސް އިންގްލެންޑްގެ ޖޫޑް ބެލިންހަމް ގާނާ މެޗުގައި އަނގަ ފޮރުވި ނަމަވެސް، އެއީ ޒުވާބެއްގެ ސިފައެއްގައި ކުރި ކަމަކަށް ނުވާތީ އޭނާއަށް ކާޑެއް ނުދައްކަ އެވެ.
މި މައްސަލަ އެންމެ ބޮޑުވީ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް، ބިސްބަތްކޮށް ބުނި އެއްޗެއްގެ ސަބަބުންނެވެ.
ހިތްހަމަނުޖެހިގެން ހުރެ ޕްރެސްޓިއާނީ ވާހަކަ ދެއްކީ ޖޯޒީން އަނގަނިވާކޮށްގެން ހުރެ އެވެ. އޭނާގެ މައްސަލަ ބަލައި ހަ މެޗަށް ސަސްޕެންޑް ކުރި އެވެ.
ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހި މެޗު ދޫކޮށް ދަނޑުން ފައިބާ ކުޅުންތެރިންނަށް ރަތް ކާޑު ދިނުމުގެ އިޚްތިޔާރު ވެސް ބޭނުން ނުކުރަން ޔުއެފާއިން ވަނީ ނިންމާފަ އެވެ.
ވޯލްޑް ކަޕްގައި އަމަލުކުރާ އަނެއް އާ ގަވާއިދަކީ ނުބައިކޮށް ދޭ ކޯނަރުތައް ބެލުމަށް ވީއޭއާރް ބޭނުންކުރުމެވެ. ޔުއެފާއިން ވެސް ވަނީ އަމަލުކުރާނެކަމަށް ބުނެފަ އެވެ.
އަނގަ ނިވާކުރުމުން ރަތް ކާޑް ދައްކާ ގަވާއިދަށް ޔޫއެފާއިން އަމަލެއް ނުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ