އަރަބިއްޔާ ސުކޫލްގެ މައްސަލާގައި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ޑީއާރުޕީ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރުމަށް މިއަދު ރައީސް އޮފީސް ދޮށަށް އެއްވި އަރައްބިއްޔާގެ ބެލެނިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކުރުން އެ އެކަމާ ދެކޮޅު ހެދުމަށްޓަކައި އުމަރު ނަސީރުގެ ފެކްޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި މަހްލޫފް ވިދާޅުވީ "ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ގަބޫލްކުރަން ވެސް ދަތިވާ މިންވަރަށް" ކަމަށާއި އަރަބިއްޔާ ސުކޫލްގެ މައްސަލާގައި މުޒާހަރާކުރުމަށް ޖަމިއްޔާތަކާއި އެނޫން ވެސް ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"މިރޭ އެކަމާ ގުޅޭ ބޮޑު ބައްދަލުވުން އެބަ އޮތް. އެ ބައްދަލުވުމުން އަޅުގަނޑުމެން ގޮތެއް ނިންމާނީ،" މަހްލޫފް ވިދާޅުވި އެވެ.
ޑީއާރުޕީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ "އަރަބި ތައުލީމު ފުނޑުފުނޑުކޮށްލުމަށް" ކަމަށެވެ.
"ކުޑަ ތަނެއް ދީފައި އެވަނީ ވެސް އަރަބި އިސްލާމީ ތައުލީމް ފުނޑުފުނޑުކޮށްލަން،" އުމަރު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް ހިންގަމުން އައި ބިން ބަދަލުކޮށް އަންނަ އަހަރު އަރަބިއްޔާ އަށް ވަނުމަށް އެދިފައި ތިބި ދަރިވަރުންނަށް ވަދެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައި ނުވާތީ ރައީސް ނަޝީދާ ބައްދަލުކުރުމަށް ރައީސް އޮފީސް ދޮށަށް އެއްވި މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕަ ސްޕްރޭ ޖަހައި 10 މީހަކު ހައްޔަރުކުރި އެވެ.
އަރަބިއްޔާ ސްކޫލް މައްސަލާގައި ބޮޑު މުޒާހަރާއަކަށް މިދަނީ ތައްޔާރުވަމުން: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ