ރކ. ކޮމެޓީގެ ގަވާއިދަށް ގާނޫނީ ބާރު ލިބިދެވެން އޮތް، އެކަމަކު ސަރުކާރުން އެކަން ކުރާކަށް ބޭނުމެއް ނުވޭ: ޔާމީން

ރކ. ކޮމެޓީގެ ގަވާއިދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެއަށް ގާނޫނީ ބާރު ލިބިދެވެން ސަރުކާރަށް އޮތް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަން ކުރަން ބޭނުންނުވާ ކަމަށް އިދިކޮޅު ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ޕީއޭ/އިހުތިޖާޖު ގުޅިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނީ ބާރު ނެތް އެތައް ގަވާއިދުތަކަކަށް އެ ބާރު ދިނުމަށް މިދިޔަ ދައުރުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ކަމަށާއި އެ ހުރިހާ ގަވާއިދުތައް ޑީއާރުޕީ/ޕީއޭ ކޯލިޝަނުން ފާސްކޮށްދިން ކަމަށެވެ.
"ހަމަ އެ ގަވާއިދު ]ރކ. ކޮމެޓީގެ ގަވާއިދު[ ހިމަނުއްވައިގެން ފޮނުއްވުމަށް މި ސަރުކާރަށް ފުރުސަތު އޮތޭ. އެކަމަކު މިކަން ކުރައްވާކަށް ސަރުކާރަކުން ބޭނުމެއް ނުވެއޭ. އެހެންވީމަ ޑިމޮކްރެސީ އަށް ލޯބިކުރައްވާ ވަރު މިހުރީ،" ޔާމީން ވިދާޅުވި އެވެ. "ކެޕިޓަލް ރޭޑިޔޯ މެދުވެރި ކުރައްވައި ]ރައީސް ނަޝީދު[ ދެއްވި އިންޓަވިއުގައި ވިދާޅުވީ ޑިމޮކްރެސީއެއްގައި ރަށެއްގައި ބަނދަރެއް ހަދާ ނަމަ ރައްޔިތުންނާ ވާހަކަ ދައްކަން ޖެހޭނެއޭ. ރކ. ކޮމެޓީތަކާ މަޝްވަރާ ކުރަން ޖެހޭނެއޭ. މުޅި ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެއޭ. އެ ރަށެއްގައި ތިބި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ޖެހޭނެއޭ. މިއަށް ވުރެ ޑިމޮކްރެޓިކް ވެރިއެއް ހުންނާނެތޯ؟ މިއަދު ކުރެއްވި ކަމަކީ އެ މަނިކުފާނަށް ބާރުވެރިކަން ލިބުނު ހިސާބުން އެއްކަލަ ރކ. ކޮމެޓީތައް އުވާލީ. ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރައްވަމުން ވަޑައިގެންނެވިއިރު ވިދާޅުވީ ބަނދަރު ހަދަން ވެސް ވާނެއޭ ރކ. ކޮމެޓީތަކާ ވާހަކަ ދައްކަން. ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ހިސާބުން ހުރިހާ ރކ. ކޮމެޓީތައް އުވާލެއްވީ."
ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރަށް ވުރެ ރަނގަޅަށް ވެރިކަން ހިންގައިދޭނެ ކަމަށާއި ގާނޫނީ ވެރިކަން ހިންގައިދޭނެ ކަމަށް ކެމްޕޭން ތެރޭގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ކަންތައް ކުރައްވަމުން ގެންދަވަނީ އެއާ ހިލާފަށް ކަމަށެވެ. އެގޮތުން ބަނދަރު ހެދުމާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމާއި ސްކޫލުތައް އިމާރާތް ކުރުމަކީ ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ވެރިކަމަށް އަހަރެއް ވީއިރު ވިދާޅުވަނީ ދައުލަތުގެ ބަޖެޓަށް ބުރަވާ އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ސަރުކާރެއް ހޮވަނީ ރައްޔިތުން. ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ހޮވާ ބަޔަކު ކޮށްދޭން. މިއީ ޑިމޮކްރެސީގެ އަސްލު. އެހެންވީމަ ސަރުކާރެއް ހޮވިގެން ސަރުކާރަށް ކަންތައް ކޮށްނުދެވޭ ވާހަކައެއް ނޫނީ ކުރިން ދައްކާފައިވާ ވާހަކައެއް ވައުދަކަށް ނުވާތީ އެކަން ކޮށްނުދެވޭ ވާހަކައެއް ނުދެއްކޭނެ. އެ ހިސާބުން އެ ސަރުކާރެއް ފޭލިވީ. އެއީ ރައްޔިތުންނަށް އެ އެއްޗެއް ވިއްކާފައި ސާވިސް ޑެލިވަރީއާ ހަމައަށް އައިމަ، ޕިއްޒާ ގެއަށް ގެންދިއުމާ ހިސާބަށް އައިމަ، މި ބުނަނީ ތިމަންނަމެންނަށް އެކަން ކޮށްދެވޭކަށް ނެތޭ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ރކ. ކޮމެޓީތަކުގެ ވާހަކަ ވެސް ދެއްކެވީ ހަމަ މި އުސޫލުންނޭ،" ޔާމީން ވިދާޅުވި އެވެ.
ޕީއޭ/އިހުތިޖާޖުން މިހާތަނަށް ބޭއްވި ދެވަނަ ބައްދަލުވުމުގައި ޔާމީންގެ އިތުރުން އިހުތިޖާޖުގެ އިސް މެމްބަރު އުމަރު ނަސީރުގެ އިތުރުން ޕީއޭގެ ގިނަ އިސް ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ.
އުމަރު ވިދާޅުވީ އިންޑިޔާގެ އެކި ފަރާތްތަކާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 15 އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވި ގިނަ ވާހަކަތައް ހަގީގަތަކަށް ވެފައި ނެތް ކަމަށެވެ. އެގޮތުން ރާއްޖެ އަށް ބޭރުގެ ތިން ބެންކެއް ގެންނަވާނެ ކަމަށާއި ޑޮލަރު ލިބުމުގެ ދަތިކަން ފިލުވައި ދެއްވާނެ ކަމަށް ވިދާޅުވި އެއްވެސް ވާހަކައަކަށް އަމަލީ ސިފަ ނާންނަކަން އުމަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ