ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ 51 ދުވަސް ތެރޭގައި ކުރިއެރުންތަކެއް ދެކެފައިވާ ކަމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޔާމީން ހޮވުމަށް ރައްޔިތުން ދިން ވޯޓަކީ ރަނގަޅު ވޯޓެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 51 ދުވަސް ތެރޭގައި ކުރިއެރުން ދެކިފައިވާ ކަމަށާއި ރާއްޖެއަށް އަމަން އަމާންކަން ގާއިމުވެ ސުލްހަމަސްލަސްކަން ގާއިމުވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަދި މާލޭގައި އާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ނާމާންކަން ކުރިމަތިވެފައި މިހާރު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމުން މި އެނގެނީ އަޅުގަނޑުމެން އިންތިހާބު މި ކުރީ ހަމަ އިންތިހާބު ކުރަން ޖެހޭ ކެންޑިޑޭޓުކަން. މިދިޔަ 51 ދުވަހަކީ ވަރަށް ކާމިޔާބު 51 ދުވަސް ކަމަށްވީމާ ﷲ ސުބުހާނަހޫވަތައާލާއަށް ހަމްދާ ޝުކުރު އަދާކުރަންޖެހޭ." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރަށް ދިވެހި ރައްޔިތުންދޭ ތާއީދާއި އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ 51 ދުވަހުގެ ތެރޭގައި ކުރިއެރުންތަކެއް ދެކެފި - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ