ޕީޕީއެމް ވެރިކަމެއް ވާނީ ހުރިހާ ރައްޔިތުން ޝާމިލްވާ ވެރިކަމަކަށް - ޖަމީލް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމެއް ވެގެންދާނީ ހުރިހާ ރައްޔިތުން ވެސް ޝާމިލްވާ ވެރިކަމަކަށް ކަމަށާއި ޕީޕީއެމްއިން ބޭނުންވަނީ ހުރިހާ ފަރާތްތަކެއް ޝަކުވާ އަޑަހަން ކަމުގައި ޕީޕިއެމްގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމުގެ ގަރާރު ހަވާލުކުރުމަށް ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ފެނިގެން ގޮސްފައި އޮތީ ހިތާމަ އާއި އެކީގައި ވަކި ކަންތައްތަކެއްގައި ވަކި ބަޔަކު އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުޑަ ކުޑަ މުޖުތަމައު ބައިބައިވެފައިވުން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު ކަންބޮޑުވާ އެއްކަމަކީ އަޅުގަނޑުމެން އެންމެން އެކުވެރިކުރުން، ޕީޕީއެމްގެ ވެރިކަމެއްގައި ﷲ ގެ ރަހްމަތާއިއެކު އޮނަރަބަލް ޔާމީންގެ ސިޔާދަތުގައި ވެގެންދާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާ ވެރިކަމަކަށް، އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ފަރާތްތަކެއްގެ ޝަކުވާ އަޑުއަހަން، އަޅުގަނޑުމެން ބޭނުންވަނީ އެންމެން ޝާމިލްކުރަން." ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަކީ އެއް ދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބަޔަކަށްވީ ހިނދު، މިއަދު ރައްޔިތުންގެ ތެރޭގައި ތަފާތުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްނުކޮށް އަބުރަށް އަރައިގަތުމާއި މީހުންނަށް ނަފްރަތުކުރުމާއި ދުލާއި އަތުން އެކަކު އަނެކަކަށް ރައްކާތެރިކަން ލިބިފައިނުވާކަމީ ރާޢްޖޭގެ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ޔާމީން އިންތިހާބުވެއްޖެ ކަމުގައިވަނީނަމަ ޕީޕީއެމް ވެރިކަމެއް ވެގެންދާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެކީގައި އުޅޭ އަހްވަންތަ އުޙްވަންތަ ރައްޔިތުންގެ ގޮތުގައި ހަދައިގެން ކުރިއަށްގެންދާނެ ވެރިކަމަކަށް ކަމަށެވެ.
އަދި ޕީޕިއެމްގެ ވެރިކަން ގެންދާނީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޖަމައާތަކަށް ބަލައިގެން ނޫން ކަމަށާއި ވެރިކަން ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްކުރާ ވެރިކަމެއްގެ ގޮތުގައި ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ވަކި ޖަމާއަތަކަށް ވަކި ފިކުރަކަށް ބަޔަކު މީސްތަކުން ނިސްބަތްވީތީ އެބަޔަކު ތަރައްގީ އާއި ލިބެންޖެހޭ ރައްކާތެރިކަމާއި ސްޕެޝަލް ޕްރޮޓެކްޝަންގެ ނިޒާމާއި އަދި އިގްތިސޯދީ ކުރިއެރުމާއި ތަރައްގީ އެއްވެސް ބަޔަކަށް މަހްރޫމް ނުކުރެވޭނެއޭ، އެއީ ދިވެހި ރާއްޖޭގެ ދުސްތޫރާއި ގާނޫނުތަކުގެ މަތިން އަދި އިސްލާމީ މަތިވެރި އަގީދާގެ މަތިން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެއްކަން ދަންނާނަމޭ." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ގިނަ ބައެއްގެ ފުރިހަމަ ތާއީދު ވަނީ ޕީޕީއެމްއަށް ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި ރިޔާސީ އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކާއިއެކު ކާމިޔާބުކުރާނެ އުންމީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ