އޮޑިޓަރ ޖެނެރަލްގެ މައްސަލައިގައި ބަހުސް ހޫނުވެ، މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، ޖަލްސާ މެދުކަނޑައިލައިފި

14:30ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ބުނެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދިޔަ ބަހުސް ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.ޖަލްސާ ނިންމަން އޮންނަ ވަގުތަށްވުރެ ގަޑިއެއްހާއިރު ކުރިން މިއަދުގެ ޖަލްސާ މެދުކަނޑާލެއްވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އިއްލާން ކުރެއްވީ، ގާނޫނުއަސާސީ އާއި މާލިއްޔަތުގެ ގާނޫނާއި، އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ހިލާފުވެފައިވާތީ، އިމްރާހިމް ނައީމް އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމުން ވަކި ކުރަންޖެހޭ ކަމަށް ބުނެ މާލިއްޔަތު ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅައިގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށް، ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދިޔަ ނުދެއްވުމަށް ނިޒާމީ މައްސަލަ ނައްގަވައިގެން ކުރެއްވި މަސައްކަތުގައި އިދިކޮޅު ފަރާތްތަކާ ދެމެދު ހިޔާލުތަފާތުވެ ތަޅުން ހޫނުވެ އެއްމެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހިސާބަށް ގޮސްގެނެވެ.މިއަދުގެ ޖަލްސާގައި މި މައްސަލައިގެ ބަހުސް ފެށުނީއްސުގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވަން ފައްޓަވައިފަ އެވެ. ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވަމުން ގެންދަވާފައި ވަނީ މިއީ ގަވާއިދާ ހިލާފަށް އެޖެންޑާ ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މިހައްމަދު ސޯލިހް ވިދާޅުވީ، މި ރިޕޯޓަކީ ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ރިޕޯޓެއް ކަމަށް. އަދި މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ގެނައުމަށް ފާސްކުރުމަށް މާލިއްޔަތު ކޮމިޓީގައި ވޯޓުނަގާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ހަމަ އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ނިޒާމީ މައްސަލަތަކުގެ ތެރެއިން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިފައިވާކަން މި ރިޕޯޓުން ސާބިތުވާ ކަމަށެވެ. އަދި މި ކަމުގައި މާލިއްޔަތު ކޮމިޓީގެ ކަންތައްތައް ގޮސްފައި ވަނީ ރަނގަޅަށް ކަމަށާއި، އޮޑިޓަރ ޖެނެރަލް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރައްވާފައިވާ ކަންތައްތަކުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާބެހޭ ގޮތުން ރިޕޯޓުގައިވާ ބައެއް ކަންތައްތައް ތަފްސީލްކޮށްދެއްވި އެވެ.ނިޒާމީ މައްސަލަ ނަންގަވައިގެން މި މައްސަލައަކީ މަޖިލީހަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް އިކޮޅު މެންބަރުން ވިދާޅުވެ، ކުރައްވަމުން ގެންދެވި ސުވާލުތަކަށް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ޖަވާބު ދެއްވަމުން ގެންދެވި، ނަމަވެސް މެންބަރުންގެ ވާހަކަފުޅަށް އުނދަގޫފުޅުވާ ގޮތަށް ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައިގެން ތަޅުން ހޫނު ކުރެއްވުމުގެ ސަބަބުން، މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން ތަކުރާރުކޮށް އަންގަވަމުން ގެންދެވި އެވެ. އަދި މިއަދުގެ ޖަލްސާ މެދުކަނޑާލެއްވުމަށް ފަހު މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތައް އުފެދި ބައެއް މެންބަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި  މަޖިލީސްކުރާ ގޭ ދޮށަށްވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ