އެއްކެންޑިޑޭޓަކު ނުނެރެވުނީ ޕީޕީއެމް އާއި ހެދި – ގާސިމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޙާބުގައި ވާދަކުރުމަށް އެއް ކެންޑިޑޭޓަކު ނެނެރެވުނީ ޕީޕީއެމްގެ ސަބަބުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޖޭޕީގެ މައިޖަގަހަ މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އިންތިޙާބުގައި ރައީސް ވަޙީދުގެ ފަހަތްޕުޅަށް ގޮސް ހުރިހާ ބޭފުޅުން ރައީސް ވަޙީދަށް ބައިއަތު ހިފުމަށް ގާސިމް ހުންނެވީ ތައްޔާރަށެވެ. ނަމަވެސް ޕީޕީއެމްއިން އެގޮތް ބޭނުންނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިދިއަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޙާބުގައި ވާދަކުރަށްވާ އެންމެ ފުލަށް ވަޑައިގެންނެވި ރައީސް ޑރ.ވަޙީދު އާއި މަޝްވަރާކުރަށްވާ އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ދާންތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މައުމޫނަށް ދެންނެވިން (ވަޙީދުގެ ރަނިންގްމޭޓްކަން) އޭރުން އަޅުގަނޑު ސަރުކާރުގެ އެއްވެސް މަގާމެއް ބޭނުން ނޫން ކަމަށް. އެކަމަކު އަޑު އިވިފައިވާ ގޮތުން ޕީޕީއެމުން ބޭނުމެއް ނުވޭ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓުގެެ މަގާމަށް އެ ބޭފުޅުން ނިންމާފައިވާ ގޮތަށް ބަދަލެއް ގެންނާކަށް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ އެގޮތް ކަމުނުދާނަމަ، އޭނާގެ ސަރުކާރަކުން ދެ އަހަރާއި ބައި ވެރިކަން ކުރުމަށް ފަހު، ބާކީ އޮތް ދުވަސްތަކުގައި ޕީޕީއެމުން ވެރިކަން ކުރުމަށް ވެސް ޕީޕީއެމަށް ހުށަހެޅުއްވި ކަމަށެވެ.
ގާސިމު ވިދާޅުވިގޮތުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ގެމަގާމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ނެތްކަމަށް ޕީޕީއެމް އިން ބުނުމުން ކަމަށެވެ.
ރަށްވެހިވެފައިވާ ރަށްނޫން ރަށެއްގައި ވޯޓްލާނަމަ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނުން ދިން 24 ގަޑިއިރު ކުޑަކަމަށް ވިދާޅުވެ ގާސިމް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ