ހޮޅުދޫ ރައްޔިތުން އުއްމީދަކީ ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުން

(ނ. ހޮޅުދޫ) އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މިރަށުގެ ސިއްހީ މަރުކަޒުގައި މާބޮޑެތި ގޮންޖެހުންތަކެއް ނެތެވެ. އެހެންނަމަވެސް ބައެއް ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
"ވަގުތު" ޓީމުން ނ. އަތޮޅަށް ކުރާ ހޭރިޔާ މި ދަތުރުގައި މިރަށުގެ ސިއްހީ މަރުކަޒަށް ވަޑައިގެން އެމަރުކަޒުގެ އާންމު ހާލަތު ވަނީ ބައްލަވާލައްވާފައެވެ.
އެގޮތުން މި ސިއްހީ މަރުކަޒަށް ބައެއް ކަހަލަ އިތުރު ހިދުމަތްތައް ބޭނުންވާކަން ރައްޔިތުންގެ ފަރާތުންނާއި، މި ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން ވަނީ އެގިގެން ގޮސްފައެވެ.
މި ސިއްހީ މަރުކަޒުގެ އެޑްމިން ފާތިމަތު އަނޫދާ ބުނީ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކަށް މިހާރު ހިތްހަމަޖެހޭކަމަށާއި، ކުރިއަށްވުރެ ހިދުމަތްތައް ރަނގަޅުކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިތުރަށް ހިދުމަތްތައް ފުޅާވެގެން ދިޔުން" އަނޫދާ ބުންޏެވެ.
އެއްވަނަ ދަރަޖައިގެ މި ސިއްހީ މަރުކަޒަކީ 24 ގަޑިއިރުގެ ހިދުމަތް ދޭ ސިއްހީ މަރުކަޒެކެވެ. ޖުމްލަ 2 ޑޮކްޓަރުންނާއި 11 ނަރުހުން މަސައްކަތްކުރެއެވެ. އެއީ ރްޖިސްޓަރޑް 2 ނަރުހުންނާއި އެޑްވާންސް ދެ ނަރުހުންގެ އިތުރުން 7 ބިދޭސީ ނަރުހުންނެވެ.
މި ސިއްހީ މަރުކަޒުގައި އާންމު ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ ހިދުމަތް ލިބެއެވެ. އަދި ލެބޯޓްރީގެ ހިދުމަތްވެސް ލިބެއެވެ. އެ ލެބޯޓްރީން އާންމުކޮށް ހެދޭ ޓެސްޓް އެއްޗެހި ހެދެއެވެ. މި ސިއްހީ މަރުކަޒުގައި އިންނަނީ 2 ވޯޑެއެވެ. އެއީ 9 އެނދެވެ.
މި ސިއްހީ މަރުކަޒުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އިތުރަށް ތަހުލީލު ކުރުމުގެ ހިދުމަތާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތާއި،ކުޑަކުދިންގެ ޑޮކްޓަރެއް އަދި އެކްސްރޭ ނެގޭނެ އިންތިޒާމާއި އަދި ސްކޭން ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުން ކަހަލަ ކަންތައް ހިމެނެއެވެ.
މި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށް ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ."އޮބްޒަރވޭޝަން ރޫމްގަ މިޖެހެނީ ޑްރެސިންގ ކަހަލަ ހިދުމަތްވެސް ދޭން". އަނޫދާ ބުންޏެވެ.
އެސްޓީއޯ ބޭސް ފިހާރައިން ބޭނުންވާ ބޭސް ލިބޭކަމަށް މި ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ. އެހެންނަމަވެސް ބައެއް ބޭސްތައް ލިބުން ދަތިކަން ހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ސީއެމްބިޔުލެންސްގެ ހިދުމަތް މި ސިއްހީ މަރުކަޒަށް ލިބެއެވެ. އެހެންނަމަވެސް އެކަމަށް ވަގުތު ނަގާކަމަށް އަނޫދާ މައުލޫމާތުދެއެވެ. ބައެއް ފަހަރު ހަލާތްތައް ހުންނަ ގޮތުން ދެ ގަނޑިއިރު ވަންދެން މަޑުކުރަން ޖެހޭކަމަށް އަނޫދާ ބުންޏެވެ. "ބައެއް ފަހަރު ސީއެމްބިޔުލާންސް ނެތިގެން ޕްރައިވެޓް ލޯންޗުގަ މި ފޮނުވާލަނީ މާލެ ތަންތަނަށް" އަނޫދާ ބުންޏެވެ.
މި ދުވަސްކޮޅުގެ ގޮތުން ދުވާލަކަށް 40 ވަރަކަށް މީހުން މި ސިއްހީ މަރުކަޒުން ހިދުމަތް ހޯދާކަމަށް އަނޫދާ ބުންޏެވެ. އަނޫދާ ބުނީ އެއީ މިދިވަސްކޮޅަކީ ބަލިމަޑުކަން ފެތުރިފައިވާ ދުވަސް ކޮޅަކަށް ވާތީކަމަށެވެ. މިއަހަރު މިރަށުގައި ޑެންގީ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. އެންމެ ފަހުން ޑެންގީ ކޭސްތައް ފެނިފައި ވަނީ މިދިޔަ އަހަރުއެވެ. އެހެންނަމަވެސް އެއީ ވަރަށް މަދުންނެވެ.
އަނޫދާ ބުނީ މިހާތައުލީމީ ރަށަކަށް ބަލާފަ މި ދާއިރާއަށް ބޭނުންވާ ކުދިން ނުލިބޭކަމަށެވެ. "މިސާލަކަށް ބުނަންޏާ ލެބޯޓްރީ. ވަޒީފާ ހަމަޖެހޭނެ ކިޔަވައިގެން އަތުވެއްޖިއްޔާ. މި ހަމަ ޔަގީން ވަޒީފާތަކެއް ކިޔަވައިގެން އަތުވެއްޖިއްޔާ" އަނޫދާ ބުންޏެވެ.
މިހާރު މިވަގުތު މި ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓްގައި މަސައްކަތް ކުރަނީ އެންމެ ހެލްތް ވޯކާއެއްކަމަށް އަނޫދާ މައުލޫމާތުދެއެވެ. އަނޫދާ ބުނީ ބައެއް ފަހަރު ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހޭކަމަށެވެ.
މިރަށު ރައްޔިތުންގެވެސް އެދުމަކީ މި ސިއްހީ މަރުކަޒަށް އިތުރު ފުރިހަމަކަމެއް ގެނައުމަށެވެ. ގިނަ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި، ދިވެހި ނަރުހުންގެ އިތުރުން، މި ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތައް މި ލިބޭ ފެންވަރަށްވުރެ މަތީ ފެންވަރަކަށް ގެންދަން ބޭނުންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ