މޮސްޓާ އާއި އީސަގެ ޒުވާބެއް، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއް ނެތް!

ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދަކީ (މޮސްޓާ) "ދެ އުޅިއެއް ނުވާ މޮޔައެއް" ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވުމާ ގުޅިގެން އޭނާ އާއި މޮސްޓާއާ ދެމެދު ހޫނު ޒުވާބެއް މިއަދު ހިނގައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މޮސްޓާ އާއި އީސަގެ ދެމެދުގައި ހޫނު ޒުވާބެއް އުފެދުނީ ރާއްޖެ އިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނަޝީދު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ މެމްބަރުން ބަހުސް ކުރައްވަން ބޭނުން ނުވި މައްސަލައިގައެވެ. ނަޝީދު އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވަން އެދިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ، ނަޝީދު ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
މޮސްޓާ ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާނެ ކަމަށެވެ. އެހެންވެ، ނުފޫޒާއި ބާރުން ކަންކަން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މެމްބަރު ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެގޮތަށް ވިދާޅުވުން ރަނގަޅު ނޫން ކަމަށެވެ.
ނިޒާމީ މައްސަލައެއް ނަންގަވައި އީސަ ވިދާޅުވީ މެމްބަރުން ވަކި އެއްޗެއް ހުށަހެޅުއްވީމަ، އެކަމަށް ބަހުސް ކުރަން ޖެހޭ އުސޫލެއް އޮންނަ ކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ވަކި މެމްބަރަކު ހުށަހެޅުއްވީމަ، އެއަށް ބަހުސް ކުރައްވަން މަޖުބޫރުވާންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އީސަ ވިދާޅުވީ މިދިޔަ ފަސް އަހަރު ދިޔަ އިރު ވެސް އެފަދަ މައްސަލައެއް ބަލާފައެއް ނުވެއެވެ. އެހެންވެ، މިއަދު މަޖިލިހުގައި ވަގުތު ނަގާލައިގެން ބޭކާރު މަސައްކަތެއް ކުރައްވާނެ ކަމެއް ނެތް ކަމަށް ވެސް އީސަ ވިދާޅުވިއެވެ.
"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެ އުޅިއެއް ނުވާ މޮޔައަކަށް ވިޔަސް، އަޅުގަނޑުމެން ސިކުނޑީގައި ކުޑަ ތެތްކަމެއް އެބަހުރި،" އީސަ ވިދާޅުވިއެވެ.
ނިޒާމީ މައްސަލަ ނަންގަވައި މޮސްޓާ ވިދާޅުވީ ރިޔާސަތުގައި އިންނެވި ނަޝީދާ އެކީގައި "ރާ ތަށި ހިއްޕަވައިގެން" އިންނަވާ ބޭފުޅުން އެކަހަލަ ބުއްދި ހަމަނުޖެހޭ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ނަޝީދާ ދެކޮޅަށް ގަރާރު ހުށަހެޅުއްވުމަށް ތައްޔާރުކޮށްދެއްވީ އީސަ ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރު ހެއްދެވީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. މި މަޖިލިހުގައި "ދޮގު ބަސް، ދޮގު ވާހަކަ" ދެއްކުމަކީ މަނާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ ކަނޑައެޅިގެން ދޮގު ވާހަކަ ނުހެދޭނެ. ގާނޫނުއަސާސީގައި މަނާ ކަމެއް އެއީ. އެކަން ސާބިތު ކުރުމަށް މި އޮންނަނީ މާތް ރަސްކަލާނގެ ގަންދީ ހުވާ ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނިޒާމީ މައްސަލައެއް ނަންގަވައި އީސަ ވިދާޅުވީ "ސިކުނޑީގައި ތެތްކަން ނެތް ބޭފުޅުން" ދައްކަވާ ވާހަކައަށް މާ ބޮޑަށް "ރިއެކްޓް" ނުކުރައްވާ ކަމަށެވެ.
"މި މަޖިލިހުގެ ކުޑަ ދޮށުގައި ޝަރީއަތަށް ސާބިތުވާ ވަރަށް، ބޮޑެތި ތަސައްރަފް ފުދިފައި ތިބި ފިރިހެނުން ތިއްބައި އެ ވިދާޅުވާ މެމްބަރު އަޅުގަނޑު ކައިރީގައި ވިދާޅުވީ 12 މިލިއަން ރުފިޔާގެ ހަކުރު ތިމަންނާ ވިއްކީމޭ،" އީސަ ވިދާޅުވިއެވެ.
އެހެންވެ، މެމްބަރު މޮސްޓާ ވިދާޅުވާ ފަދަ ކަންކަން އޭނާ ކުރައްވާ ކަމަށް ރައްޔިތުން ގަބޫލު ނުކުރައްވާނެ ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް މައިކް ކަނޑާލާފައި ހުރުމުން، މެމްބަރު އީސާ އަށް މޮސްޓާ ކުރެއްވީ ކޮން ތުހުމަތެއް ކަން އޭރު ސާފެއް ނުވެއެވެ.
އޭގެ ފަހުން، މެމްބަރު ނަޝީދު ވަނީ އީސައަކީ "ހަމަ ބުއްދި ފިލާފައި ހުރި" އަދި "ޖިންސީ ގޯނާ" ކުރަމުންދާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ. ރާއްޖޭގެ ދެ ރިސޯޓެއްގައި އީސަ އަންހެން ދެ މީހަކަށް ޖިންސީ ގޯނާކޮށްގެން ފަޅާ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޮސްޓާގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ ވާހަކަތައް ހުއްޓުވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަށް ތަފާތު ތުހުމަތުތައް ކުރެއްވުމުގައި މަޖިލިސް ބޭނުން ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އޭގެ ފަހުން ވެސް މޮސްޓާ ވަނީ ރާއްޖެ އައި އެތައް ފަތުރުވެރިންނަށް އީސަ "ޖިންސީ ގޯނާ" ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ