ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއިންބުއިމަށް ހުރަސްއަޅައި ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލި މައްސަލަ ތަޙްޤީޤްކުރުމަށް ވަކީލުން ގޮވާލައިފި

ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއިންބުއިމަށް ހުރަސްއަޅައި ފެނާއި ކަރަންޓް  ކަނޑާލި މައްސަލަ ތަޙްޤީޤްކުރުމަށް ފުލުހުންނާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ލޯ ކްރާފަޓް އިން ގޮވާލައިފިއެވެ. ލޯކްރާފްޓަކީ ބޮޑުފިނޮޅުގެ މަސައްކަތާ ހަވާލުވެފައިވާ  ރިޒް ކުންފުނީގެ ޤާނޫނީ މަސައްކަތާ ހަވާލުވެފައިވާ ފަރާތެވެ.
ލޯކްރާފްޓުން  ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީންގެ ކެއިންބުއިމަށް އެކި ފަހަރު މަތިން ސީލް މޯލްޑިވްސް  އިން ހުރަސް އަޅައިފައިވާ ކަމަށެވެ. އަދި އެރަށުގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލާނެ ކަމަށް ކުރިންސުރެ ބުނެފައިވާ ގޮތަށް، އެކަން ކުރުމުން  ފުލުހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް މަސައްކަތްކޮށް އެރަށުގައި ތިބި ބިދޭސީން ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
ބޮޑުފިނޮޅުން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލަން ސީލް މޯލްޑިވްސް އިން މަސައްކަތް ކުރިކަން މީޑިއާއަކުން ހާމަވުމުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް އެމައްސަލަ، ގެނެސްފައިވާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ. ނަމަވެސް ފުލުހުންނަށް އެކަން އެނގިތިބެ އެކަން ހުއްޓުވަން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށް ރިޒް ކުންފުނީގެ ފަރާތުން އެކަން ކުށްވެރިކުރާ ކަމަށްވެސް ލޯ ކްރާފްޓްގެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައިވާ ގޮތުން ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމަށް ކުރިމަސައްކަތަށް އެކި ފަހަރު މަތިން ސީލް މޯލްޑިވްސް އިން ވަނީ ހުރަސް އަޅައިފައެވެ. އެންމެ ފަހުން ހައްޖު ދުވަހު އެކުންފުނި ބޮޑުފިނޮޅަށް ކާބޯތަކެތި ފޮނުވުމުންވެސް ކާބޯތަކެތި ހިފައިގެން ދިޔަ ޑިންގީއަށް ސީލް މޯލްޑިވްސް އިން ހުރަސް އަޅައިފައިވާކަމަށް ބަޔާނުގައި ވެއެވެ. އެމައްސަލަފުލުހުންނަށް ހުށަހެޅުމުން، ސީލް މޯލްޑިވްސްގެ ހުއްދަ ނެތި އެ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށް ޖަވާބު ދެއްވައިފައިވާކަމަށާއި އެކާބޯތަކެތި  ރަށަށް އެރުވުނީ ހިޔުމަންރައިޓްސް ކޮމިޝަން މެދުވެރިކޮށް ކަމަށްވެސް ބަޔާނުގައި ވެއެވެ.  
"މިމައްސަލައިގައި ކަންހިނގާ ދިޔަ ގޮތާމެދު އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން އިންތިހާއަށް ކަންބޮޑުވަމެވެ. އަދި ވަކިން ޚާއްޞަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި، އެފަރާތުން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ރަށެއްގައި ހަމަނުޖެހުން ހިންގާފާނެފަދަ ކަމެއް (ފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލުން) ދުރާލައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެނގިހުރެ އެކަމަށް ފިޔަވަޅު އަޅައިފައި ނުވާތީ އެކަން އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ކުށްވެރިކުރަމެވެ. އަދި މިމައްސަލައި ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ގޮވާލަމެވެ."  ލޯ ކްރާފްޓްގެ ބަޔާނުގައި ވެއެވެ.
ބޮޑުފިނޮޅަކީ ސީލްޑް މޯލްޑިވސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަށެކެވެ. އެރަށުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ށ. މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާގެ "ރިޒް" ކުންފުންޏާއެވެ. ރިޒް ކުންފުނިން  ކުރަމުންދިޔަ މަސައްކަތްތަކަށް އެރަށަށް ވަނީ ގިނަ ޢަދަދެއްގެ ބިދޭސީން ގެންގޮސްފައެވެ. މުސާރައިގެ މައްސަލައިގައި ބިދޭސީން ވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގައި ރަށުގައި ހުރި ބައެއް ތަކެއްޗަށްވެސް ގެއްލުން ދީފައެވެ. އެމައްސަލައާ ގުޅިގެން ހަމަނުޖެހުން ހިންގި ބައެއް ބިދޭސީން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ