އޭސީސީގެ ގިނަ މުވައްޒަފުން ޕޮޒިޓިވްވެ، ގޭގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގިނަ އުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ގޭގައިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ސަން"އަށް މިރޭ ވިދާޅުވީ ގިނަ މުވައްޒަފުންތަކެއް ޕޮޒިޓިވްވެފައިވާތީ ރިސެޕްޝަނުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ރިސެޕްޝަނުން މިހާރު ޚިދުމަތްތައް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން 14:00އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ކޮމިޝަނުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާގޮތަށް ބަދަލުގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "މަސައްކަތްތައް ހަމަ އާންމު އުސޫލުން ކުރިއަށްދޭއެބަ. ކޮމިޝަން މެމްބަރުން މިވަގުތު ނެތީމަ މައްސަލަތަކާއި ގުޅުންހުރި ކަންކަން މިހާރު ކުރިއަށް ނުދާނީ،" ހަސަން ވިދާޅުވިއެވެ. އޭސީސީގެ މެމްބަރުންނަށް މަގާމުގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވޭ ކަމަށް ބުނެ މެމްބަރުކަމުން ވަކިކުރުމަށް ވެރިކަންކުރާ އެމްޑީޕީން މަސައްކަތް ފެށުމުން އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލި މުއްދަތު ހަމަވުމުން ރައީސް އޮފީހުން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. ރައީސް އޮފީހުން ބުނީ އޭސީސީގެ މެމްބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް މި މަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު ބަލައިގަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ