ސްކޫލް ކުދިންގެ ހެލްތު ސްކްރީނިން ގައިޑުލައިން އިފްތިތާހުކޮށްފި

ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ގައިޑުލައިން މިއަދު އިފްތިތާހުކޮށްފި އެވެ. އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ގައިޑުލައިން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. ގުރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އަހަރު އެވެ. އެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ގްރޭޑު އެކެއްގައި ކިޔެވި 5،034 ކުދިންގެ ހެލްތު ސްކްރީން ކޮށްފައި ވާއިރު، ސްކްރީން ކުރި ކުދިންގެ ތެރެއިން އެންމެ ގިނައީ ލޮލުގެ މައްސަލައާއި ދަތުގެ މައްސަލަތައް ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. ގައިޑުލައިން އިފްތިތާހު ކޮށްދެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ހެލްތު ސްކްރީނިން ގައިޑްލައިނެއް އިފްތިތާހް ކުރުމުގެ ބޭނުމަކީ ސްކްރީނިންގެ ފެންވަރު ހިފެހެއްޓުމާއި ސްކްރީން ކުރުމުގައި ގެންގުޅޭނެ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ. "ރާއްޖޭގެ އެކި ހިސާބުތަކުގައި ހެލްތު ސްކްރީނިން މި ހަދަނީ އެކި ފަރާތްތަކުން. މިސާލަކަށް މާލޭގެ ހުރިހާ ސްކޫލެއްގެ މެޑިކަލް ސްކްރީނިން މި ހައްދަވައި ދެއްވަނީ އެމްއެންޑީއެފް ގެ މެޑިކަލް ސަރވިސް އިން، އަތޮޅު ތެރޭގައި އެކި ރީޖަނަލް ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރު ތަކުން،" މިނިސްޓަރު ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް އެކި ފަރާތްތަކުން ސްކްރީން ކުރުމުގެ ސަބަބުން، ނަތީޖާތައް ތަފާތުވެ، އެއްކުރެވޭ މައުލޫމާތު ވެސް ތަަފާތުވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު މި އޮތް ގައިޑުލައިނަކީ ކޮންމެ މީހަކުވެސް ކަންތައް ކުރަންވީ ގޮތް ވަރަށް ސާފުކޮށް ލިޔެވިފައި އޮތް ގައިޑްލައިނެއް،" އައިޝަތު ޝިހާމު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ޖޫން މަހާ ހަމައަށް ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ނިންމައި ނަތީޖާތައް އާންމު ކުރުމާ ހަމައަށް ދެވޭނެ ކަމަށެވެ. ދަރިވަރުންގެ ހެލްތު ސްކްރީނިން ހެދުމާއި ފަސްޓުއެއިޑު ތަމްރީނު ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް މިއަދުގެ ރަސްމިއްޔާތުގައި މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުންގެ ހެލްތު ސްކްރީނިން ހެދުމާއި އަދި މާލޭގެ ސްކޫލުތަކުގެ ފަސްޓުއެއިޑު ތަމްރީނު ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސާ އެކު 2014 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވާތީ، އަލުން މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ