ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކްގެ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނާ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމް ފެށޭ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނާ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި މެއި މަހުގެ އަށްވަނަ ދުވަހު އެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް އެ ހުކުމް ދަމަހައްޓާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ފެށޭ ހަފްތާގެ ތެރޭގައި އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް މާޗް މަހުގެ ތެރޭގައި ގެނައި އިސްލާހު ބުނާ ގޮތުން ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެގެން އިސްތިއުނާފު މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފިނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ.
އެ އިސްލާހުގައިވާ ގޮތުގައި އިސްތިއުނާފުގެ ކޮންމެ މަރުހަލާއަކުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަންޖެހެ އެވެ.
އުއްތަމަ ފަނޑިޔާރު، ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރިވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމަށްވެސް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެހެންނަމަވެސް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އަދަބު ހައިކޯޓުން ވަނީ ލުއިކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ހުކުމް ފެށޭ ހަފްތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަން: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ