ދެ ފަނޑިޔާރުންނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް

ދަށު ކޯޓެއްގެ ދެ ގާޒީއަކަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރުމަަށް އެންގި މައްސަލައިގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ހައި ކޯޓުން ތާއީދުކުރި އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އިއްޔެ ހުށަހަޅައިފި އެވެ.
ދަށު ކޯޓުގެ ދެ ގާޒީއަކަށް ނުފޫޒު ފޯރުވި މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް، ހައި ކޯޓުން މި މަހުގެ ތިން ވަނަ ދުވަހު ތާއީދުކޮށް ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. އެ ހުކުމުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ އެ ދައުވާ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށް ތާއީދު ކުރީ، ދަށު ކޯޓުގެ ދެ ގާޒީއަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވުމުގެ ގޮތުން މުއާމަލާތު ކުރިކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާތީ ކަމަށް ހައި ކޯޓުގެ އެ ނިންމުމުގައިވެ އެވެ.
ދެ ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާ އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން މިދިޔަ މަހު އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެކަމަކު، އެ މައްސަލައިގަ ހައި ކޯޓުން ބެލި އިސްތިއުނާފު މައްސަލައިގެ ހުކުމުގައި ވަނީ، ކުރިމިނަލް ކޯޓުން ކަނޑައެޅި މިންވަރަށް ވުރެ ދެ ދަރަޖަ ދަށް އަދަބެއް ދީ، ޖަލު ހުކުމް އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް އަދަބު ލުއިކޮށްފަ އެވެ.
އެ އަދަބުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިއިރު، ޖަލުގައި ތިއްބެވި ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ދައުލަތުގެ މައްޗަށް އަންގައި، މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ދެ ފަނޑިޔާރުން ތިއްބެވީ، ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާގެ ސަރިޔަތް ނިމެންދެން ބަންދު ކޮށްފައި އެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް އިސްތިއުނާފް ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމޭއިރު، ދެ ފަނޑިޔާރުންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ދަމަހައްޓައިފި ނަަމަ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އުއްތަމަ ފަނޑިޔާރާ ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ