ތަރައްޤީގެ ނަމުގައި ރައްޔިތުންގެ ކަރަށް މަހާލާފައިވަނީ ދަންމަޅިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހުގެރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން މިދަނީ އިންތިހާއަށް ދަރަމުންކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓް ސަރުކާރުން ހުށަހެޅިއިރުވެސް ކޮންމެ ދިވެއްސެއްގެ ބޮލަށް ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ދަރަނި ޖެހިފައިވާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި 2020 ވަނަ އަހަރާއި ހަމަޔަށްދާއިރު، ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހޭ އާމްދަނީގެ ތެރެއިން ބޮޑު ބައި ދައްކަން ޖެހެނީ ޤައުމުގެ ދަރަނި އަދާކުރުމަށްކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ބޮލަކަށް ޖެހޭ 1 ރުފިޔާގެ ތެރެއިން 1/20ރ (އެއްރުފިޔާ ވިހިލާރި) ދަރަންޏަށް ދައްކަން ޖެހުމުން، އާމްދަނީއަށް ވުރެ ދަރަނި ބޮޑުވެގެން ދާކަމަށެވެ.
ސަރުކާރުން ރާއްޖެ ދަރުވާލާފައިވާ މައްސަލައިގެ އިތުރުން ޝާހިދުވަނީ ތަރައްޤީގެ ނަމުގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ޕްރޮޖެކްޓްތައް އެއީ މިސަރުކާރުން ހިންގި ޕްރޮޖެކްޓްތައް ކަމަށް ދެއްކުމާއި، ޕްރޮޖެކްޓްތަކުގެ ތެރެއިން އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ މިސަރުކާރުން މަޝްރޫޢުތައް ހިންގާފައި ހުރީ ކާޅު ހާއްޔަށް ކޮވެލި ބިސްއަޅާ އުޞޫލުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ހިންގާފައި ހުރި ޕްރޮޖެކްޓްތައް މިސަރުކާރުން އަމިއްލަކުރަން މަސައްކަތްކުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަންވެސް ރަނގަޅަށް ކުރަން ނޭނގުނުކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް ބަހާނެ ގޮތެއްވެސް މިސަރުކާރަށް ނޭނގުނުކަމަށާއި، ބޮޑު ތަނުން މަކަރު ހަދަން ހަދައިގެން އެކަންވެސް ނުކުރެވުނު ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ރައީސް ޔާމީނުގެ ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގާފައިވާ ކޮރަޕްޝަން އިންތިހަށް ގޮސްފައިވާ ކަމަށާއި އިންސާފުން އެއްކިބާވެފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެ ވަނީ އިންސާފުގެ މަގަށް ހިފާފައިކަމަށެވެ.
ރާއްޖެ މިވަނީ އިންސާފުގެ މަގަށް ހިފާފައި: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ